ސިޓީ އާއި ނިއުކާސަލްގެ ފޯރިގަދަ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ
ސިޓީ އާއި ނިއުކާސަލްގެ ފޯރިގަދަ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ

ނިއުކާސަލް (އޮގަސްޓް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-3 އިން އެއްވަރު ވެގެން ނިމިއްޖެ އެވެ.

ސިޓީ އާއި ނިއުކާސަލްގެ ފޯރިގަދަ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ
ސިޓީ އާއި ނިއުކާސަލްގެ ފޯރިގަދަ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ

މިއާ އެކު ނިއުކާސަލް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ބަލި ނުވެ ނިންމާލައިފަ އެވެ. އަލަށް ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓް އަތުން މޮޅެއް ހޯދައިގެން ލީގު ފެށި އިރު، ދެ ވަނަ މެޗުގައި ވަނީ ބްރައިޓަންއާ އެއްވަރު ކޮށްފަ އެވެ. ސިޓީ އަށް މި މެޗުން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް އެ ޓީމު ވަނީ ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްފަ އެވެ.

ސިޓީ އާއި ނިއުކާސަލްގެ ފޯރިގަދަ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ
ސިޓީ އާއި ނިއުކާސަލްގެ ފޯރިގަދަ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ

ނިއުކާސަލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި، ޕެޕް ގާޑިއޯލާގެ ސިޓީ އިން ވަރަށް ކުރީކޮޅު ލީޑު ނެގި ނަމަވެސް ނިއުކާސަލް އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ ފަސްވަނަ މިނިޓުގައި ސިޓީ އަަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާގެ އެހީތެރިކަމާ އެކު އިލްކޭ ގުންޑޮއާން އެވެ.

ސިޓީގެ ލަނޑަށް ފަހު ވެސް އެޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. އާލިބން ބްރައުޓް ހާލަންޑާއި ފިލް ފޮޑެން ފޮނުވާލި ހަމަލާއެއް ކީޕަރު ނިކް ޕޯޕް ދިފާއު ކުރި އިރު، ކެވިން ޑިބްރޭނާ ފޮނުވާލި ނުރައްކާތެރި ހިލޭޖެހުމެއް ވެސް އޭނާ ދިފާއު ކުރި އެވެ. ނަމަވެސް އިތުރު ގޯލެއް ނުޖެހެނީސް، ނިއުކާސަލް އިން އެއްވަރުކުރީ 28 ވަނަ މިނިޓުގައި އެލަން ސެއިންޓް-މެކްސިމިން ނަގައިދިން ބޯޅައަކުން މިގޭލް އަލްމިރޯން ޖަހައިދިން ގޯލުންނެވެ.

އޭގެ ކުރިން އަލްމިރޯން ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު، ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް ކައިރިން ނައްޓާފައި ސެއިންޓް-މެކްސިމިން ފޮނުވާލި ހަމަލާއެއް ކީޕަރު އެޑަސަން މޯރެސް ވަނީ ދިފާއު ކޮށްފަ އެވެ. އަދި ކައުންޓާ އެޓޭކެއްގައި ސެއިންޓް-މެކްސިމިން ތަނަވަސްކުރި ފުރުސަތެއްގައި އެޓީމުގެ ދެ ވަނަ ލަނޑު 39 ވަނަ މިނިޓުގައި ޖަހައިދިނީ ކެލަމް ވިލްސަން އެވެ.

ނިއުކާސަލް އިން ވަނީ ދެ ވަނަ ހާފުވެސް ވަރުގަދައަށް ފަށައި، އެޓީމުގެ ތިން ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 54 ވަނަ މިނިޓުގައި ޑީ އޭރިއާ ކައިރިން ލިބުނު ހިލޭޖެހުމެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން މި ލަނޑު ޖަހައިދިނީ ކީރެން ޓްރިޕިއާ އެވެ.

އެހެން ނަމަވެސް ސިޓީއިން ކުޅުން ވަރުގަދަކޮށް، ތަނަވަސްކުރި ފުރުސަތެއްގައި އެ ޓީމަށް ފަރަގު ކުޑަކޮށްދިނީ ހާލަންޑް އެވެ. މެޗުގެ 60 ވަނަ މިނިޓުގައި ހާލަންޑް މި ލަނޑު ޖެހީ ޑިބްރޭނާ ނެގި ހުރަހަކުން ރޮޑްރީ ދިން ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ މިނިޓެއް ފަހުން ހާލަންޑަށް ނަތީޖާ އެއްވަރުކުރަން މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ކީޕަރު ޕޯޕް ދިފާއު ކުރި އެވެ. ނަމަވެސް ޑިބްރޭނާ ހުސްކޮށްލާފައި ދިން ތުރޫ ޕާހަކުން 64 ވަނަ މިނިޓުގައި ބެނާޑޯ ސިލްވާ ވަނީ ސިޓީއަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ސިޓީ އިން ނަތީޖާ އެއްވަރުކުރިތާ ނުވަ މިނިޓު ފަހުން ސިޓީގެ ކައުންޓާ އެޓޭކެއްގައި ޑިބްރޭނާ ބޯޅަ ހިފައިގެން ކުރިއަށް އަރަނިކޮށް ޓްރިޕިއާ ކުރި ފައުލަކަށް އޭނާ އަށް ވަނީ ރެފްރީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ނަމަވެސް މާ ބޮޑު ކޮންޓެކްޓެއް ނެތުމުން، ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އެ ކާޑު ކެންސަލް ކޮށްލައި، ރީނދޫ ކާޑަކަށް ބަދަލު ކޮށްފަ އެވެ.

މެޗުން މޮޅުވާން ވެގެން ސިޓީ އިން ލަނޑެއް ޖަހަން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ނިއުކާސަލްގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. އަދި ނިއުކާސަލްގެ ދެ ލަނޑު ޖަހަން އެހީތެރިވި ވިންގާ ސެއިންޓް-މެކްސިމިން ވެސް އެ ޓީމުން އިތުރު ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

މިއީ 2011/2012 ސީޒަނަށް ފަހު ނިއުކާސަލް ޕްރިމިއާ ލީގުގައި ފުރަތަމަ ތިން މެޗު ބަލި ނުވެ ނިންމާލި ފުރަތަމަ ފަހަރެވެ. އެ ސީޒަނުގައި ނިއުކާސަލް ވަނީ ކޯޗު އެލަން ޕާޑިއު އާއެކު ޕްރިމިއާ ލީގުގެ ފަސް ވަނަ ހޯދައިފަ އެވެ.

މިދިޔަ ސީޒަނުގެ މެދުތެރޭން ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން އެ ކުލަބު ހިންގަން ހަވާލުވި ފަހުން އެ ޓީމުން ވަނީ އަންޑަރޭޓެޑް ޓްރާންސްފާ ތަކަކާ އެކު ނަތީޖާތައް ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ.

އާ ވެރިންނާ އެކު އެޓީމުގެ ކޯޗަކަށް އެޑީ ހޯވް ހަމަޖައްސައި، ލީގުގެ ފުލުގައި އޮތް ޓީމުން މިދިޔަ ސީޒަން ނިންމާލީ ލީގުގެ 11 ވަނައިގަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވި ކޯޗު ހޯވް ވަނީ ލީގު ފެށުމުގެ ކުރިން ކުލަބާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ވެސް ސޮއިކޮށްފަ އެވެ.