21 އޯގަސްޓް 2022 - 20:43

އެމްޑީޕީގެ އެންމެ ގިނަ މެމްބަރުން އެއްވާ އަދި އެންމެ ބޮޑެތި ނިންމުންތައް ނިންމާ ކޮންގްރެސް ބައްދަލުވުން އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާލެއްވީ ހާއްސަ ޅެންބައިތަކުންނެވެ؛

"ކޮންމެ ފަދަ ހޫނެއް ވިޔަސް، މެންދުރުގެ އަވިގަދަ ވަގުތުގައި،

ކޮންމެ މެންދުރަކަށް ފަހު، ފިނިކަން ހަވީރުގެ އަންނަނީ،"

އެ މަނިކުފާނު މި ޅެން ބައިތު އެންމެ ފަހުން ވިދާޅުވީ ވެސް ސިޔާސީ ވަރުގަދަ ކުރިމަތިލެއްވުމަކަށް ފަހު އެވެ.
އެއީ 2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން އެ މަނިކުފާނު ބަލިކުރެއްވުމަށް ފަހު ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހު ވިދާޅުވި ޅެން ބައިތެވެ؛ ކާމިޔާބީ އިއުލާން ކުރެއްވުމެކެވެ.
އެމްޑީޕީގެ ކޮންގްރެސްގައި އެވަރުގެ ބޮޑު ސިޔާސީ ކުރިމަތިލެއްވުމަށް ނުހިނގި ކަމުގައި ވިޔަސް ކޮންގްރެސް ފެށިގެން ދިޔަ އިރު މިސްރާބު ހުރީ އެ ދިމާލަށެވެ.
ވަރަށް ގިނަ ދެ ބަސްވުންތަކާއި ބަހުގެ ހަމަލާތައް ރައްދު ކުރެއްވުމަށް ފަހު އެންމެ ބޮޑު ބައްދަލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއް ތަނެއްގައި ތިއްބަވައިގެން ބޭއްވި ބައްދަލުވުމުގައި ދެ ފެކްޝަންގެ ބޮޑެތި ހަމަނުޖެހުންތަކެއް ފެނިގެން ދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ.
ކޮންގްރެސް ފެށުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވެސް ހުރިހާ ބާރާއި ތާއީދެއް އޮތީ ކޮން ބޭފުޅަކަށްކަން ވަރަށް ސާފުވި އެވެ. ޖަލްސާ އޮތް މާލަމަށް ނަޝީދު ވަޑައިގަންނަވައިގެން އެތައް އިރެއް އުޅުއްވި އިރު މާ ބޮޑު ތަރުހީބެއް ނެތެވެ. ނަމަވެސް ރައީސް އެ ހޯލަށް ވަދެވަޑައިގަތުމާއެކު އެންމެން ތެދުވެ އަތް ޖަހައި ރައީސް އަށް ބޮޑު ތާއީދެއް އޮތް ކަން ހާމަ ކުރެއްވި އެވެ.
އެ މައްސަލާގައި ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެން ހުންނެވި ނަޝީދު ރައީސް ކުރިފުޅުމަތީ ހުންނަވައިގެން ބަރުލަމާނީ ނިޒާމް ގެންނަން ތާއީދު ކުރައްވާތޯ އާދޭސް ދަންނަވައި ތަފާތު ނުސީދާ އިންޒާރުތައް ދެމުން ގެންދެވި އެވެ. އަދި އެ މަނިކުފާނަށް 2023 ކާމިޔާބު ނުވާނެ ހުރިހާ ސަބަބެއް ހިސާބު ޖަހައި ވިދާޅުވަމުން ގެންދެވި އެވެ.
އޭގެ ބަދަލުގައި ރައީސް ހުންނެވީ އެމަނިކުފާނު އަބަދުވެސް ހުންނަވާ ގޮތަށް ހިމޭންކަމާ އެކު އެވެ. ދޭ ތެރެއަކުން ނޫސްވެރިން ކުރި ސުވާލުތަކަށް ވަރަށް ޔަގީންކަމާއެކު ޖަވާބު ދެއްވި އެވެ. ޕާޓީ ވެސް އޮންނާނެ ކަމާއި ނަޝީދަށް ވެސް އިތުރު ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އެންމެ ފަހުން ބަރުލަމާނީ ނިޒާމުގެ ގަރާރާ ހަމަޔަށް އެޖެންޑާ ދިޔައިރު އަނެއްކާވެސް މިވަނީ ރައީސް އެދިވަޑައިގަތް ގޮތަށް ކަންކަން ނިމިފަ އެވެ. ގަރާރު ކުރިއަށް ނުގެންގޮސް ފަސްކޮށްލައްވައި ނަޝީދު ފަހަތަށްޖެހިވަޑައިގަތީ އެވެ.
ކޮންގްރެސްގެ ތާއީދާއި މުޅި ޕާޓީ އެމަނިކުފާނު ފަހަތްޕުޅުގައި އޮތްކަން ހާމަކުރައްވައި ރައީސް މިރޭ ވަނީ ކާމިޔާބީ އިއުލާން ކުރައްވައިފަ އެވެ.