21 އޯގަސްޓް 2022 - 19:43

އެމްޑީޕީގެ ތެރޭގައި އުފެދޭ ހިޔާލު ތަފާތުވުންތައް ކުރިއަށް އޮތް ތަނުގައި ވެސް އެއްގޮތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތް ގޮތަށް އަނބުރާ ގެންދަވައި މަޝްވަރާ ކުރައްވައިގެން ހައްލުތަކެއް ހޯއްދަވަން ނަޝީދު އެއްބަސްވެވަޑައިގަތުމުންނެވެ.
"ކޮންގްރެސް 2023" ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ދެ ރައީސުންގެ ފަރާތުން އިވިގެން ދިޔައީ ވަރަށް އަޑުއަހަން ބޭނުންވި ވާހަކަކޮޅެއް ކަމަށެވެ. އެއީ ވަރަށް ކާމިޔާބު ކަމާއެކީ ކޮންގްރެސް ނިންމާލެވުނު ކަން ހާމަވާ ކަމެއް ކަމަށާއި ހުރިހާ މެމްބަރުންނަށް ވެސް ލިބިގެން ދިޔަ ހިތްވަރެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މި ޕާޓީއަކީ ވަރުގަދަ ޕާޓީއެއް، ބޮޑު ޕާޓީއެއް، ތަސައްރަފު ފުދިފައިވާ ޕާޓިއެއްކަަން އަނެއްކާވެސް މި ދައްކާލަދިނީ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް ބޮޑެތި ހިޔާލު ތަފާތުވުންތައް އަންނާނެ ކަމަށާއި ނަމަވެސް އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެސް ނަތީޖާ ހޯއްދަވާނެ ކަމަށެވެ. އެމްޑީޕީގެ ތެރޭގައި އުފެދޭ އެފަދަ ތަފާތު ހިޔާލުތައް އެއް ގޮތް ކުރުމަށް އޭނާ އެއްވެސް ހުރަހެއް ނާޅުއްވާ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ދެބަސްވުންތައް އެއްބަސް ކުރުވައި އެއް ގޮތް ކުރުވައި އެއް ގޮތަކަށް ކުރިޔަށް ދިޔުމަށްޓަކައި ކުރަން ޖެހުނު ހުރިހާ ކަމެއްގައި އެއްވެސް ހުރަހެއް ނެތި މަސައްކަތް ކުރާނަން އަދި އެއްވެސް ޝައްކެއް ނެތި އެކަން ކުރެވޭނެ." ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި އެންމެ ބޮޑު މަސައްކަތަކަށް ތާވަލު ކޮށްފައި އޮތީ ބަރުލަމާނީ ނިޒާމާ ގުޅޭ ބަހުސެވެ. ނަމަވެސް އެ ބަހުސް ނުކޮށް ކޮންގްރެސް ވަނީ ނިންމާލައިފަ އެވެ. އަދި މިރޭ ކޮންގްރެސް ނިމުމުގެ ރަސްމިއްޔާތެއް ވެސް ބާއްވާނެ އެވެ. އެ ރަސްމިއްޔާތުގައި ވެސް ދެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.