ނަސީރު ބަންދުން ދޫކޮށްލައިފި
ނަސީރު ބަންދުން ދޫކޮށްލައިފި

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރު، ބަންދުން ދޫކޮށްލައިފި އެވެ.

އެކި ޓީވީ ޗެނަލްތަކުގައި މަސައްކަތްކުރި ނަސީރު ހައްޔަރުކުރީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލައިގެ ތުހުމަތުގައި ޖުލައި 29 ގަ އެވެ. އޭނާ ހައްޔަރުކުރީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ، އާލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައަކު ނޫނެވެ.

ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި 28 އަހަރުގެ މީހާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް އެ އޮފީހުން ލަފާދީފައިވާ ކަމަށެވެ.

"އިތުުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލާފާދީފައިވާތީ މިމަހުގެ 18 ވަނަ ދުވަހު، އޭނާ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައި." ފުލުހުން ބުންޏެވެ.

އާލަމްގީރާ އެކު ބަޔަކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ވެސް ތަހުގީގުކުރަމުން އަންނައިރު ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ތިން މީހަކު ވަނީ ދޫކޮށްލައިފަ އެވެ. މިހާރު ބަންދުގައި ހުރީ އާލަމްގީރު އެކަންޏެވެ.