އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި
އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ކޮންގްރެސް 2022 ގައި އެ ޕާޓީގެ އަސާސީ ގަވައިދަށް ހުށަހެޅުނު އިސްލާހުތައް ފާސްކޮށްފި އެވެ.

ސޯޝަލް ސެންޓަރުގައި ކުރިޔަށް ދާ މި ބައްދަލުވުމުގައި އެމްޑީޕީގެ އަސާސީ ގަވައިދަށް 11 އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ އިސްލާހުތަކަށް ބަހުސް ކުރުމަށް ފަހު ބައެއް މެމްބަރުން ވަނީ ވަނީ އިތުރު އިސްލާހުތަކެއް ވެސް ހުށަހަޅުއްވާފަ އެވެ.

އޭގެ ތެރެއިން އެއް އިސްލާހަކީ އެމްޑީޕީގެ ތިންކް ޓޭންކެއް އުފައްދަވަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހެވެ. އަދި އެ އިސްލާހަށް ތާއީދު ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އެ އިސްލާހު ފާސްވީ 915 މެމްބަރުންގެ ވޯޓުންނެވެ. އަދި ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ތިން މެމްބަރެކެވެ.

ކޮންގްރެސްގެ ގޮފިތައް އައްޔަން ކުރުމުގައި މިހާރު ވެސް އަމަލު ކުރާ އުސޫލު ބޭއްވުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިސްލާހެއް ހުށަހެޅުއްވި އެވެ. އެ އިސްލާހު ފާސްވީ 901 މެމްބަރުންގެ ވޯޓުންނެވެ. އަދި އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

މީގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސުންނަކީ ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަން ކުރާ ބަޔަކަށް ހެދުމާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރަކު ކޮންގްރެސްގައި ހިމަނަން ވަނީ ހުށަހަޅައިފަ އެވެ. އެ ހުރިހާ އިސްލާހުތަކާއެކު ޖުމުލަ 857 މެމްބަރުންގެ ވޯޓުން އަސާސީ ގަވައިދު މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެޖެންޑާގައި ދެން އޮތީ ނަޝީދު ހުށަހެޅުއްވި ގަރާރުގެ މައްސަލާގައި ބަހުސްކޮށް ގޮތެއް ނިންމުމެވެ.