ނިއުކްލިއާ އިންޖީނުގެ ބަލަން ރަޝިޔާ އިން ހުއްދަ ދޭނެ
ނިއުކްލިއާ އިންޖީނުގެ ބަލަން ރަޝިޔާ އިން ހުއްދަ ދޭނެ

ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި މިހާރު ހުރި، ޔޫކްރޭންގެ ޒަޕަރީޖިޔާ ނިއުކްލިއާ އިންޖީނުގޭގެ ހާލަތު ވަޒަން ކުރުމުގެ ފުރުސަތު، މިނިވަން އިންސްޕެކްޓަރުންގެ ޓީމަކަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ދެއްވާނެ ކަމަށް، ފަރަންސޭސި ވިލާތުން އިއްޔެ ބުނެފި އެވެ.

ފަރަންސޭސި ވިލާތުގެ ރިއާސީ ގަނޑުވަރުން ބުނި ގޮތުގައި ރަޝިޔާ އިން ޔޫކްރޭނަށް އަރައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ޒަޕަރޯޖިޔާގައި ހުރި ނިއުކްލިއާ އިންޖީނުގެ އަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ރަޝިޔާއިން ދޭނެ އެވެ. ނަމަވެސް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއް އެ އިންޖީނުގެ ހުރި ސަރަހައްދަށް ދަތުރުކުރާނީ ރަޝިޔާގެ އޮފިޝަލުންނާ އެކުގައިތޯ ނުވަތަ ޔޫކްރޭންގެ އޮފިޝަލުންނާ އެކުގައިތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ޒަޕަރޯޖިޔާއަކީ ޔޫކްރޭންގެ ސަރަހައްދަކަށް ވުމުން، ޔޫކްރޭނުން ބުނާ ގޮތުގައި އެ ސަރަހައްދަށް ބަޔަކު ދާ ނަމަ، ދާންޖެހޭނީ ޔޫކްރޭނުގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އެ ސަރަހައްދު މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައި ކަމަށްވާތީ، ރަޝިޔާގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް އެ ސަރަހައްދަށް އެއްވެސް ބަޔަކަށް ދެވޭނެ ގޮތެއް ނެތެވެ.

އިރުމަތީ ޔޫރަޕްގައި ހުންނަ އެންމެ ބޮޑު ނިއުކްލިއާ އިންޖީނުގޭ ވަށައިގެންވާ ސަރަހައްދުގައި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ދާތީ، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ އިންޖީނު ރަޝިޔާ ސިފައިންގެ ބާރުގެ ދަށުން މިނިވަން ކުރުމަށް ޔޫކްޜޭން ސިފައިން ވަރުގަދަ ހަމަލާތަލކެއް ދެމުން އަންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ)ގެ އޮފިޝަލުން ޒަޕަރޯޖިޔާ އަށް ދިއުމަށް ޔޫކްރޭން ސަރުކާރުގެ އެހީތެރިކަން ހޯދުމަށް އެދިފައި އޮތުމުން، ރަޝިޔާ އިން މީގެ ކުރިން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. އޭގެ ބަދަލުގައި ރަޝިޔާގެ ތެރެއިން ލާފައި ޒަޕަރޯޖިޔާ އަށް ދިއުމަށް ރަޝިޔާ އިން ކުރަމުން އައި ޝަރުތު ދޫކޮށްލުމަށް ފަހު، ޔޫކްރޭންގެ ތެރެއިން ލާފައި ޒަޕަރީޖިޔާ އަށް ދިއުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިހާރު ވަނީ ހުއްދަ ދެއްވައިފަ އެވެ.

ޒަޕަރޯޖިޔާގައި ތިބި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭނުން ދެމުންދާ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން، ޒަޕަރޯޖިޔާގެ ނިއުކްލިއާ އިންޖީނުގެ އިން ކަރަންޓު ދޫކުރުން މެދުކަނޑައިލަން ޖެހިދާނެ ކަމަށް ރަޝިޔާ އިން ވަނީ އިންޒާރުކޮށްފަ އެވެ. އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ، ޔޫކްރޭންގެ ދެކުނު ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް މިލިއަން އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީ، އެފަދަ ކަމެއް ނުކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ.

ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އިން ބުނި ގޮތުގައި އައިއޭއީއޭގެ އިންސްޕެކްޓަރުން ޒަޕަރޯޖިޔާ އަށް ގޮސް، އެތަނުގެ ހާލަތުގެ ވީހާ އަވަހަކަށް އަންދާޒާ ކުރުމަށް ރައީސް ޕުޓިން ވަނީ އެދިވަޑައިގެންފަ އެވެ. ޒަޕަރޯޖިޔާގެ ނިއުކްލިއާ އިންޖީނުގޭގެ ވަށައިގެންވާ ސަރަހައްދުތަކަށް ޔޫކްރޭން ސިފައިން ދެމުންދާ ބޮޑުބަޑީގެ ހަމަލާތަކުގެ ސަބަބުން، ބޮޑު ކާރިސާއެއް ކުރިމަތިވުމުގެ ބިރު އެބަ އޮތް ކަމަށް ޕުޓިން ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ ހަނގުރާމައިގައި ޒަޕަރޯޖިޔާގެ ނިއުކްލިއާ އިންޖީނުގެ އަށް ހަމަލާއެއް އަމާޒުވެ ރޭޑިއޯއެކްޓިވް މާއްދާއެއް ލީކްވެއްޖެ ނަމަ، ޗެރްނޮބީލް ނިއުކްލިއާ ހާދިސާ އަށް ވުރެ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ކުރީގެ ސޮވިއެޓް ޔޫނިއަންގެ ދުވަސްވަރު، އެޕްރީލް 26، 1986 ގައި ޔޫކްރޭންގެ ޗެރްނޮބީލްގައި ހުރި ނިއުކްލިއާ އިންޖީނުގެ އިން ރޭޑިއޯއެކްޓިވް މާއްދާ ލީކްވި ހާދިސާގައި 30 މީހުން މަރުވި އެވެ.

އަދި ރޭޑިއޯއެކްޓިވް މާއްދާތަކުގެ އަސަރު ކޮށްގެން ލިބުނު ގެއްލުންތަކުގެ ސަބަބުން މަރުވި މީހުންނާ އެކު، ދެ މަސްދުވަސް ތެރޭގައި މަރުވި ޖުމްލަ މީހުންގެ އަދަދު 60 އަށް އަރަ އެވެ.