ކޮންގްރެސްގައި ވޯޓުލުން ހާމަކޮށްގެން ކުރިޔަށް ގެންދަން ފާސްކޮށްފި
ކޮންގްރެސްގައި ވޯޓުލުން ހާމަކޮށްގެން ކުރިޔަށް ގެންދަން ފާސްކޮށްފި

މިހާރު ކުރިޔަށް ދާ އެމްޑީޕީގެ "ކޮންގްރެސް 2023" ގައި ވޯޓުލުން ހާމަކޮށްގެން ކުރިޔަށް ގެންދަން ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ކޮންގްރެސްގައި ނަގާނީ ސިއްރު ވޯޓެކެވެ.

ނަމަވެސް ކޮންގްރެސްގައި މިއަދު ނަގާ ހުރިހާ ވޯޓެއް ކުރިޔަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ވަކި ވޯޓެއް ނެގުން ކުރިޔަށް ދިޔަ އެވެ.

ކަރުދާހުގައި ފާހަގަ ޖަހައިގެން ކުރިޔަށް ގެންދިޔަ ސިއްރު ވޯޓުގައި 776 ކޮންގްރެސްމަނުން ވޯޓު ދެއްވީ ހާމަކޮށްގެން ކުރިޔަށް ގެންދިޔުމަށެވެ. އަދި 257 މެމްބަރުން ވޯޓު ދެއްވީ ސިއްރު ވޯޓެއް ކުރިޔަށް ގެންދިޔުމަށެވެ.

މި ގޮތަށް ފާސްވުމާ އެކު އަސާސީ ގަވައިދަށް ހުށަހަޅާފައިވާ ހުރިހާ އިސްލާހުތަކާއި މި ކޮންގްރެސްގައި ހުށަހަޅާ އެހެން މައްސަލަތަކަށް ވެސް ވޯޓު ލެވޭނީ ކޮން މެމްބަރެއްކަން އެނގޭ ގޮތަށެވެ.

މިހާރު ކުރިޔަށް ދަނީ އަސާސީ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މެމްބަރުން ވޯޓުލުމެވެ. އެއަށް ފަހު ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމާނެ އެވެ.