ތަމްރީނު ހޯދަން ދިވެހި ނޫސްވެރިން އިންޑިއާ އަށް
ތަމްރީނު ހޯދަން ދިވެހި ނޫސްވެރިން އިންޑިއާ އަށް

އިންޑިއާގެ އެމިޓީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ނޫސްވެރިންގެ ޓީމެއް އިންޑިއާ އަށް ފުރައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިންނާއި އެޑިޓަރުން ތަމްރީނުކުރުމަށް ބާއްވާ އަށް ދުވަހުގެ އެ ޕްރޮގްރާމުގައި 20 ނޫހަކުން ބައިވެރިވެފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނި ގޮތުގައި އެ ޕްރޮގްރާމުގައި ނޫސްވެރިކަމުގެ އެތިކްސް އާއި މީޑިއާ ދާއިރާގެ މުހިއްމު ގާނޫނުތަކާއި ނޫސްވެެރިކަމުގެ ބެސްޓް ޕްރެކްޓިސް އާއި ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓްކުރާނެ ގޮތާއި ކުއްލި ހާލަތުގައި ރިޕޯޓްކުރުމުގެ ސުލޫކީ މިންގަނޑުތައް ނޫސްވެރިންނަށް ކިޔައިދޭނެ އެވެ. އަދި ސިޓިޒަން ޖާނަލިޒަމް އާއި ވީޑިއޯ ޖާނަލިޒަމްގެ އިތުރުން މޯބައިލް ރިޕޯޓިން އާއި ކޮމިއުނިޓީ ބްރޯޑްކާސްޓިން އާއި އިންވެސްޓިގޭޓިވް ޖާނަލިޒަމާއި އިންތިހާބުތަކުގައި ރިޕޯޓްކުރާނެ ގޮތްތައް ވެސް އެ ޕްރޮގްރާމުގައި ކިޔައިދޭނެ ކަމަށް މީޑީއާ ކައުންސިލުން ބުންޏެވެ.

އެ ޕްރޮގްރާމުގައި އިތުރަށް ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ހިމެނެނީ އާންމު މަސްލަހަތު ހިމެނޭ މުހިއްމު ކަންކަން ފީޗާ ރިޕޯޓެއްގެ ގޮތުގައި ގެނެސްދޭނެ ގޮތްތަކާއި ޑިޖިޓަލް ޖާނަލިޒަމްގެ ދުނިޔޭގައި ޓްވިޓާގެ މުހިއްމު ކަމާއި އޯޑިއަންސް އެންގޭޖުކޮށްގެން ހަބަރާއި ރިޕޯޓް ގެނެސްދޭނެ ގޮތްތަކާއި މީޑިއާގެ މުހިއްމުކަމުގެ ހުދޫދުތަކާއި ހޭޓް ސްޕީޗާއި ސޯޝަލް މީޑިއާގެ މުހިއްމު ކަމެވެ.

މީޑިއާ ކައުންސިލުން ބުނި ގޮތުގައި އެ ޕްރޮގްރާމުގެ ތެރެއިން އިންޑިއާގެ އެކި މީޑިއާތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ޒިޔާރާތްކޮށް އެ ތަންތަނުގެ އެޑިޓަރުންނާއި ސީނިއާ ނޫސްވެރިނާއި މަސްއޫލުވެރިންނާ ބައްދަލުކޮށް އެކި ސެޝަންތައް ނަގާ ގޮތަށް ހަމަޖެހިފައިވެ އެވެ.

އެ ޕްރޮގްރާމަކީ މީޑިއާގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ގޮތުން މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމުގެ ދަށުން ލިބުނު ފުރުސަތެއް ކަމަށް އެ ކައުންސިލުން ބުންޏެވެ. އެ ޕްރޮގްރާމުގެ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި މީޑިއާ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާފިއު ހަރަކާތްތެރިވާއިރު ޑެޕިއުޓީ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ހަރަކާތްތެރިވާނީ ކައުންސިލް މެމްބަރު މުއިއްޒު އިބްރާހިމް އެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވި ނޫސްތަކަކީ މި ނޫހާއި އޭދަފުށި ޓައިމްސް، އާއި ވަގުތާއި ޕީއެސްއެމް އާއި ގާފު އޮންލައިނާއި ސަން އޮންލައިނާއި ތިލަދުން އާއި ވީޓިވީ އާއި އޭއޯ ނިއުސް އަދި އަދަދު ނޫހާއި އަރި އޮންލައިނާއި ދެން އޮންލައިނާއި ރާއްޖެ ޓީވީ އާއި އާފަތިސް ނޫހާއި އަވަސް އޮންލައިންގެ އިތުރުން އެމްވީޓީވީ އަދި މިހާރު ނޫހެވެ.