21 އޯގަސްޓް 2022 - 11:43

އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހަށް އައްޔަންކުރާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތައް "ހަރުކަށިވުމުން" އެ މަގާމަށް ނަގާނެ މީހުން އެ ޕާޓީގެ ތެރެއިން ނުލިބޭތީ ޝަރުތުތައް ދަށްކުރަން އަސާސީ ގަވައިދަށް އިސްލާހެއް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ އާ ޗެއާޕާސަންގެ މަގާމާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހަވާލުވެވަޑައިގަތުމަށް ފަހު، ކުރައްވާނެ ފުރަތަމަ ކަމަކީ ޕާޓީން "ގެއްލިފައި" އޮތް މުހިއްމު ގުނަނެއް ކަމަށްވާ އިސްލާމީ މަޝްވަރާ މަޖިލިސް އަލުން އެކުލަވާލައި ހިންގަން ފެށުން ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެއީ އޭނާގެ ކެމްޕެއިންގެ ވައުދެކެވެ.
މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި އަސާސީ ގަވައިދަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، އިސްލާމީ މަޝްވަރާ މަޖިލީހަށް އައްޔަންކުރާ މީހުންގެ ޝަރުތު ދަށްކުރުން ހިމެނެ އެވެ.
އެމްޑީޕީގެ އިސްތިއުނާފް މަޖިލީހުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އިސްލާމީ މަޝްވަރާ މަޖިލީހަށް އައްޔަންކުރާ މީހުންގެ ޝަރުތު ވަރަށް ހަރުކަށި ކަމަށާއި އެހެންވެ މީހަކު ހޯދަން ދަތިވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
އިސްލާމިކް ޔުނިވާސިޓީން މަތީ ތައުލީމް ހާސިލް ކޮށްފައިވުން.
އިސްލާމް ދީން ކިޔަވައި ދިނުމުގެ ހުއްދަ ލިބިފައިވުން.
ދީނީ ތަގުރީރު ކުރުމުގެ ހުއްދަ ލިބިފައިވުން
ހާފިޒް ކަމުގެ ސަނަދު އޮތުން
އިމާމު ކޯހުން ނުވަތަ ގާޒީ ކޯހުން ފާސްވެފައިވުން.
އަސާސީ ގަވައިދަށް ހުށަހަޅާ އާ އިސްލާހުގައި ވަނީ އިސްލާމީ މަޝްވަރާ މަޖިލީހުގެ މެމްބަރުން ކަމަށް ތިން ޝަރުތެއް ކަނޑައެޅުމަށެވެ. އެއީ އިސްލާމީ ޝަރީއާގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމާއި ދީން ކިޔަވައި ދިނުމުގެ ހުއްދަ އާއި ދީނީ ތަގުރީރު ކުރުމުގެ ހުއްދަ ލިބިފައިވުމެވެ.
އެ އިސްލާހާ ގުޅޭ ގޮތުން ބަހުސްކުރި ކޮންގްރެސްމަނަކު ވަނީ އޭގެ ތެރެއިން ދީން ކިޔަވައިދިނުމުގެ ހުއްދަ އުނިކޮށް، ދެ ޝަރުތަށް ބަދަލު ކުރަން ވެސް ހުށަހަޅައިފަ އެވެ.