ރާޅުދާނަ: އެމްއެސްއޭ އިން ޒުވާން ރާޅާއެޅުންތެރިން ތަމްރީންކުރަނީ
ރާޅުދާނަ: އެމްއެސްއޭ އިން ޒުވާން ރާޅާއެޅުންތެރިން ތަމްރީންކުރަނީ

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން "ރާޅުދާނަ" ނަމުގައި ރާއްޖޭގައި ޒުވާން ހުނަރުވެރި ރާޅާއެޅުންތެރިން ތަމްރީނުކުރުމުގެ ޕްރޮގުރާމެއް ހިންގަން ތައްޔާރުވެއްޖެ އެވެ.

ސާފިން އެސޯސިއޭޝަންގެ މޯލްޑިވްސް ޔޫތު ސާފިން ޑިވެލޮޕްމަންޓް ޕްރޮގްރާމް (އެމްވައިއެސްޑީޕީ) ގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފުރަތަމަ އިވެންޓް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 31 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އިވެންޓުގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައި ވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ގައި ދިރިއުޅޭ ކުދިންނަށެވެ. ނަމަވެސް އުމުރުން ހަތް އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާއަށް ހާއްސަ ކޮށްގެން ހިންގާ މި އިވެންޓް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަން ރާވަމުން ދާކަމަށް އެމްއެސްއޭ އިން ބުނެ އެވެ.

އެމްއެސްއޭ އިން މި އިވެންޓް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަގްސަދަކީ، އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ގެ ސެޓިފައިޑް ކޯޗުން ލައްވައި ތަމްރީނު ކުރުވައިގެން ރާއްޖޭގައި ހުނަރުހުރި ޒުވާން ރާޅާ އެޅުންތެރިން އުފައްދައި، ކުޅިވަރުގެ މައިދާނަށް ނެރުމެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުނަރު ކުރިއެރުވުމަކީ ވެސް އެމްއެސްއޭ އިން މި އިވެންޓް ބޭއްވުމުގެ އެއް ބޭނުމެވެ. އެމްއެސްއޭ އިން ވަނީ މިއަހަރު މުޅިން އަލަށް 18 އަހަރުން ދަށުގެ ޒުވާން ރާޅާއެޅުންތެރިން ރޭންކް ކޮށްގެން ޖޫނިއާ ގައުމީ ޓީމެއް ވެސް އެކުލަވާލައިފަ އެވެ.

ދިވެހި ސާފް ލީގު ތައާރަފްކޮށް، އެމްއެސްއޭ އިން ޖޫނިއާ ޑިވިޝަން ބާއްވަމުން ގެންދިޔުމުގެ ސަބަބުން ރާއްޖޭގެ ޒުވާން ގިނަ ރާޅާއެޅުންތެރިންނެއް އަންނަނީ ކުރިއެރުން ހޯދައި އެކުދިންގެ ހުނަރު ދައްކާލަމުންނެވެ.

ސާފް ލީގުގައި އެންމެ ފަހުން ރ. ކިނޮޅަހުގައި ބޭއްވި "ހުރާކޮޅު ރާޅުގަނޑު" ގައި އޯޕަން ޑިވިޝަނުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. ޖޫނިއާ ރާޅާއެޅުންތެރިއެއް އެ މުބާރާތުގެ ދެވަނަ ދެ ވަނަ ހޯދި އިރު، ރާއްޖޭގެ ސީނިއާ ރޭންކިންގެ ގަދަ 10 ގައި ވެސް ޖޫނިއާ ދެ ރާޅާއެޅުންތެރިން ހިމެނެ އެވެ.