ސޯނަމް ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް
ސޯނަމް ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް

ބޮލީވުޑްގެ ތަރި، ސޯނަމް ކަޕޫރަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

ސޯނަމް އާއި ވިޔަފާރިވެރިޔާ އަނަންދު އަހޫޖާއަށް އަލަތު ދަރިފުޅު ލިބުނީ އިއްޔެ އެވެ.

ސޯނަމް ވިހޭކަން އިއުލާނުކޮށް އާންމުކުރި ޕޯސްޓުގައި ބުނީ ވަރަށް ލޯބި ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށެވެ.

އޭނާގެ ޕޯސްޓުގައި ވަނީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، އެކުވެރިންނާއި އާއިލާގެ މީހުންގެ ފަރާތުން އެމީހުންނަށް ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެމީހުންގެ ދިރިއުޅުން ކިރިޔާ ފެށުނީ ކަމަށާއި އެ ކުއްޖާއާ އެކު ދިރިއުޅުން އެއްކޮށް ބަދަލުވާނެ ކަމަށް ވެސް ޕޯސްޓުގައިވެ އެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ސަޕޯޓަރުން އެ މީހުންނަށް މަރުހަބާ ކިޔަމުން އަންނައިރު އެކްޓްރެސް ނީތޫ ކަޕޫރު ވަނީ އަނިލް ކަޕޫރަށް ވެސް މަރުހަބާ ކިޔައިފަ އެވެ. މިއީ އަނިލްއަށް ކާފަ ކިޔާ ފުރަތަމަ ކުއްޖާ އެވެ.

ސޯނަމް އާއި އަނަންދު ކައިވެނިކުރީ މެއި 8، 2018 ގަ އެެވެ. އަދި ސޯނަމް ބަލިވެ އިން ހަބަރު އިއުލާންކުރީ މިއަހަރުގެ ކުރީކޮޅު އެވެ. ސޯނަމް ވަނީ ބަނޑުބޮޑު އިރުގެ ގިނަ ފޮޓޯތަކެއް ވެސް އޭނާގެ އިންސްޓަގްރާމުގައި އާންމުކޮށްފަ އެވެ.

ކައިވެނީގެ ކުރިން އެތައް ފިލްމަކުން ފެނުނު ސޯނަމްގެ ފިލްމީ މަސައްކަތްތައް ކައިވެނީގެ ފަހުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ 2019 ގައި ރިލީޒްކުރި "ދަ ޒޯޔާ ފެކްޓާ" އިންނެވެ.