ކެޕްޓަން އޮޑެގާޑްގެ ދެ ލަނޑާ އެކު އާސެނަލް އަށް ފަސޭހަ މޮޅެއް
ކެޕްޓަން އޮޑެގާޑްގެ ދެ ލަނޑާ އެކު އާސެނަލް އަށް ފަސޭހަ މޮޅެއް

ބޯންމައުތު (އޮގަސްޓް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން ރަށުން ބޭރުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗު، އެޓީމުގެ ޒުވާޏް ކެޕްޓަން މާޓިން އޮޑެގާޑްގެ ދެ ލަނޑާ އެކު، 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ކެޕްޓަން އޮޑެގާޑްގެ ދެ ލަނޑާ އެކު އާސެނަލް އަށް ފަސޭހަ މޮޅެއް
ކެޕްޓަން އޮޑެގާޑްގެ ދެ ލަނޑާ އެކު އާސެނަލް އަށް ފަސޭހަ މޮޅެއް

މިދިޔަ ސީޒަނުގައި ލީގު ފުރަތަމަ ތިން މެޗުން ވެސް އާސެނަލް ބަލިވެ، ދަށް ކޮށް ސީޒަން ފެށި ނަމަވެސް، މި ސީޒަނުގައި ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް އާސެނަލް ވަނީ ފަސޭހަ ކަމާ އެކު ކާމިޔާބުކޮށްފަ އެވެ.

ކެޕްޓަން މާޓިން އޮޑެގާޑް، 23، ވަނީ އޭނާގެ ދެ ލަނޑު ވެސް މެޗުގެ ވަރަށް ކުރީކޮޅު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ ފަސް ވަނަ މިނިޓުގައި ގެބްރިއެލް ޖީސަސް، ބޯންމައުތުގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ގެބްރިއެލް މާޓިނެލީ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ކީޕަރު މާކް ޓަވަރޭސް ދިފާއުކުރުމުން ކުޅުމުގެ ތެރެއަށް އައި ބޯޅަ މުޅިން ހުސްކޮށް ހުރެ ގޯލަށް ފޮނުވާލައިގެންނެވެ. އަދި ދެ ވަނަ ލަނޑު އޭނާ ޖެހީ 11 ވަނަ މިނިޓުގަ އެވެ.

އާސެނަލްގެ ތިންވަނަ ލަނޑު 54 ވަނަ މިނިޓުގައި ޖެހީ ގްރޭނިޓް ޒާކާ ދިން ޕާހަކުން ޑިފެންޑަރު ވިލިއަމް ސަލީބާ އެވެ. އޭގެ ވިއްސަކަށް މިނިޓު ފަހުން އޮޑެގާޑް ދިން ބޯޅައަކުން ޖީސަސް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ ޖީސަސް އޮފްސައިޑު ކަމަށް ނިންމައިފަ އެވެ.

ފަހުން ވެސް ޖީސަސް ފޮނުވާލި ހަމަލާއެއްގައި އޭނާ އޮފްސައިޑު ވެފައި ވާއިރު، އެޑީ ކެޓިއާ ފޮނުވާލި ހަމަލާއެއް ކީޕަރު ރަވަރޭސް ދިފާއުކުރި އެވެ.

ފަހު ވަގުތު ބޯންމައުތުން ލަނޑު ޖަހަން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގިނަ ހަމަލާތައް ދިޔައީ ގޯދު ދަނޑި ކައިރިން ބޭރަށެވެ. ގޯލާ އަމާޒުވި ބޯޅައިގައި އެޓީމުގެ ކިއެފާ މޫރު ބޮލުން ފޮނުވާލި ހަމަލާ ގޯލު މަތީ ކަނަށް ވަންނަން ދަނިކޮށް ކީޕަރު އާރޮން ރަމްސްޑޭލް ވަނީ ދިފާއު ކޮށްފަ އެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ، 40، އާއި ބޯންމައުތުގެ ކޯޗު ސްކޮޓް ޕާކާ، 41، އަކީ ޕްރިމިއާ ލީގުގައި މި ސީޒަނުގައި އެންމެ ހަގު ދެ ކޯޗުންނެވެ. ފުލަމް އިން ކޯޗިން ކެރިއަރު ފަށައި، މިދިޔަ ސީޒަނުގައި ބޯންމައުތަށް ބަދަލުވި ޕާކާ އާއެކު ޗެމްޕިއަންޝިޕުގެ ދެވަނަ ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވެ، ފުރަތަމަ މެޗުގައި ވަނީ އެސްޓަން ވިލާ ބަލި ކޮށްފަ އެވެ. ނަމަވެސް ދެ ވަނަ މެޗުގައި ޗެމްިޕއަން މެވްޗެސްޓާ ސިޓީ ކައިރިން ސަލާމަތެއް ނުވެވުނެވެ.

މިދިޔަ ސީޒަނުގައި ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްގެން ޕްރޮމޯޓްވި ފުލަމް އިން ވަނީ މިރޭ ފަހު ވަގުތު ލަނޑު ޖަހައި 3-2 އިން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް ބަލި ކޮށްފަ އެވެ. ފުރަތަމަ މިނިޓުގައި ބޮބީ ޑިކޯޑޮވާ-ރީޑް ގެ ލަނޑުން ފުލަމް ލީޑު ނެގި އިރު، 20 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ، ޕޯޗުގަލްގެ ސްޕޯޓިން އިން 20 މިލިއަން ޕައުންޑަށް ގެނައި އެގައުމުގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޔާއޯ ޕަލީނިއާ އެވެ.

ހާފް ނިމުމުގެ ކުރިން ކްރިސްޓިއަން ނޯގާޑް ބްރެންޓްފޯޑަށް ލަނޑެއް ޖަހައިދީފައި ވަނިކޮށް އެ ޓީމުން އެއްވަރުކުރީ 71 ވަނަ މިނިޓުގައި އިވާޏް ޓޮނޭ ޖަހައިދިން ލަނޑުންނެވެ. ފުލަމް މޮޅުވި ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ އެޓީމުގެ ތަރި އަލެކްސަންޑާ މިޓްރޮވިޗެވެ.

މިއާ އެކު ފުލަމް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

އަލަށް ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓުން ވަނީ ރަށުން ބޭރުގައި އެވަޓަންއާ ވާދަކޮށް 1-1 އިން އެއްވަރު ކޮށްގެން ޕޮއިންޓެއް ހޯދައިފަ އެވެ. ފޮރެސްޓުން 81 ވަނަ މިނިޓުގައި ބްރޭނަން ޖޯންސަން ޖެހި ލަނޑުން މޮޅުވާން ދަނިކޮށް އެއްވަރު ކުރީ 88 ވަނަ މިނިޓުގައި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ފަހަތުން ޖެހި ބޯޅައެއް ހޯދައިގެން އެޓީމުގެ ފޯވާޑް ޑެމަރާރީ ގްރޭ އެވެ.

ލީގުގައި މިރޭ ސައުތެމްޓަން އިން ވަނީ ފަހަތުން އަރައި 2-1 އިން ލެސްޓާ ސިޓީގެ ދަނޑުގައި އެ ޓީމު ބަލި ކޮށްފަ އެވެ. ދެ ވަނަ ހާފުގައި ޖޭމްސް މެޑިސަން ހިލޭ ޖެހުމެއް ގޯލު ތިރީ ކަނަށް ފޮނުވާލައިގެން ލީޑު ނަގައިދީފައި ވަނިކޮށް ފަހަތުން އަރައި ސައުތެމްޓަންގެ ދެ ގޯލު ވެސް ޖަހައިދިނީ ޗޭ އެޑަމް އެވެ.

އެސްޓަން ވިލާވަނީ މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން ބަލި ވެފަ އެވެ. ވިލާ އިން ލަނޑު ޖަހާފައި ވަނިކޮށް ޕެލަސް އިން ވަނީ ފަހަތުން އަރައި 3-1 އިން މެޗު ކާމިޔާބުކޮށްފަ އެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުގެ ފަސްވަނަ މިނިޓުގައި އޮލީ ވަޓްކިންސް އެސްޓަން ވިލާ އަށް ލީޑު ނަގައިދީފައި ވަނިކޮށް ދެ މިނިޓު ތެރޭ ޕެލަސްގެ ވިލްފްރެއިޑް ޒާހާ ވަނީ އެ ޓީމަށް އެއްވަރު ކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފުގައި ޒާހާގެ އިތުރު ލަނޑަކުން ލީޑު ހޯދި އިރު، ތިންވަނަ ލަނޑު ޖަހައިދިނީ ޖިއާން-ފިލިޕޭ މަޓޭޓާ އެވެ.

މި މެޗުގައި ޕެލަސްގެ ޖެފެރީ ޝްލަޕް ފުރަތަމަ ހާފުގައި ލީޑު ނަގައިދޭން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު އެ ގޯލު ބަލައެއް ނުގަނެ އެވެ. އަދި ފަހު ހާފުގައި ލީޑު ނެގުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ޒާހާ ފޮނުވާލި ބޯޅަ ވިލާގެ ކީޕަރި އެމިލިއާނޯ މާޓިނޭޒް ވަނީ ދިފާއުކޮށްފަ އެވެ.