ޗެމްޕިއަންޝިޕް ކުޅުންތެރިންގެ ގޯލްތަކުން ޑޯޓްމަންޑް ބަލިކޮށްފި
ޗެމްޕިއަންޝިޕް ކުޅުންތެރިންގެ ގޯލްތަކުން ޑޯޓްމަންޑް ބަލިކޮށްފި

ޑޯޓްމަންޑް (އޮގަސްޓް 20) - އިނގިރޭސި ޗެމްޕިއަންޝިޕުން ގެންދިޔަ ޒުވާން ކުޅުންތެރިންގެ ގޯލުތަކާ އެކު ޖަރުމަން ލީގުގައި ރޭ ވާޑާ ބްރޭމަން އިން 3-2 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފި އެވެ.

ޗެމްޕިއަންޝިޕް ކުޅުންތެރިންގެ ގޯލްތަކުން ޑޯޓްމަންޑް ބަލިކޮށްފި
ޗެމްޕިއަންޝިޕް ކުޅުންތެރިންގެ ގޯލްތަކުން ޑޯޓްމަންޑް ބަލިކޮށްފި

މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމުގެ ގޮތުގައި ޕްރޮމޯޓްވި ވާޑާ ބްރޭމަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމަންޑް މޮޅުވާން ދަނިކޮށް ބަލިވީ، ފަހު ވަގުތުގައި ވާޑާ ބްރޭމަން އިން ޖެހި ތިން ލަނޑާ އެކު އެވެ.

ޑޯޓްމަންޑުން މިރޭގެ މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ހޫލިއަން ބްރެންޓް ޖެހި ގޯލުންނެވެ. އަދި އެޓީމުގެ ދެ ވަނަ ލަނޑު 77 ވަނަ މިނިޓުގައި ޖަހައިދިނީ ރަފައެލް ގުރޭރޯ އެވެ. ދެ ގޯލުގެ ލީޑަކާ އެކު ޑޯޓްމަންޑް މެޗު ކާމިޔާބުކުރަން ދަނިކޮށް ވާޑާ ބްރޭމަން އަށް ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްދިނީ ޑާބީ ކައުންޓީ އިން އެޓީމަށް ގެންދިޔަ ޒުވާން އިނގިރޭސި ފުލްބެކް ލީ ބުޗްނާން، 21، އެވެ.

ވާޑާ ބްރޭމަން އިން އެއްވަރުކުރި ލަނޑާއި، މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ތިން ވަނަ މިނިޓުގައި ނިކްލަސް ޝްމިޓް އެ ޓީމަށް އެއްވަރު ކޮށްދިން އިރު، މޮޅުވި ލަނޑު އިތުރު ވަގުތުގެ ފަސް ވަނަ މިނިޓުގައި ޖަހައިދިނީ މި ސީޒަނުގައި ޝެފީލްޑް ޔުނައިޓެޑުން އެ ޓީމަށް ގެންދިޔަ ސްކޮޓްލެންޑް ގައުމީ ޓީމުގެ ސްޓްރައިކަރު އޮލިވާ ބުރްކޭ، 25، އެވެ.

ބްރޭމަން އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިން ލީ ބުޗްނާން އާއި އޮލިވާ ބުރްކޭ އަކީ އިނގިރޭސި ދެ ވަނަ ޑިވިޝަނުން ގެނައި ކުޅުންތެރިންނެވެ.

ޑޯޓްމަންޑުން ވަނީ ލީގު ފެށުމުގެ ކުރިން ކުޅުނު ޖަރުމަން ކަޕް މެޗުން މޮޅުވެ، ސީޒަންގެ ފެށުން ކާމިޔާބުކޮށްފަ އެވެ. އަދި ލީގުގައި ކުލުނު ފުރަތަމަ ދެ މެޗުން ވެސް އެޓީމު ވަނީ ކާމިޔާބުކޮށްފަ އެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި އެޓީމުގެ ތަރިއަކަށް ވި ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ޓީމު ދޫކޮށް ދިޔުމާ އެކު ޑޯޓްމަންޑުން އޭނާގެ މަގާމަށް ހޯދީ މިދިޔަ ސީޒަނުގައި ނެދަލެންޑްސް ލީގުގައި އަޔެކްސް އަށް ކުޅުނު އައިވަރީ ކޯސްޓުގެ ފޯވާޑް ސެބަސްޓިއެން ހޯލާ އެވެ.

އެހެން ނަމަވެސް ޕްރީ ސީޒަން ތެރޭގައި ހޯލާގެ ސިއްހީ ހާލަތު ގޯސްވާން ފެށުމުން ހެދި ޓެސްޓުތަކުން އޭނާއަށް ޓެސްޓިކިއުލާ ޓިއުމަރެއް އުފެދިފައިވާކަން އެނގުމާ އެކު މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ. އަދި ގިނަ ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެކަމަށް ރިޕޯޓްތައް ބުނެ އެވެ.