މާފުށީ ކުނިގޮނޑުން 900 ޓަނުގެ ކުނި ނަގައި ސާފުކޮށްފި
މާފުށީ ކުނިގޮނޑުން 900 ޓަނުގެ ކުނި ނަގައި ސާފުކޮށްފި

ކ. މާފުށީ ކުނިގޮނޑުން 900 އަށްވުރެ ގިނަ ޓަނުގެ ކުނި ނަގައި، ކުނިކޮށި މިއަދު ސާފުކޮށްފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ހަސަން ސަލާހު ވިދާޅުވީ އެ ކުނިކޮއްޓަށް މީގެ ހައެއްކަ އަހަރު ކުރިން ކުނި އަޅަން ފެށީއްސުރެ އެ ތަން އެއްކޮށް ހުސްނުކުރެވޭ ކަމަށެވެ. ނަމަވެސް އެކި ދުވަސްތައް މަތިން ޕްލާސްޓިކް ފުޅި އާއި އެކި ޒާތުގެ ކުނި ނެގިއަސް، އެތަން އެއްކޮށް ސާފުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލު ކައިރީގައި ހުންނަ ކުނިކޮއްޓަކީ ރަށުގެ އާއްމުން މޫދަށް ކުނި އެޅުމުން ހިކިފައިވާ ސަރަހައްދެވެ.

ސަލާހު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ކަންކަން ސްޓެލްކޯއާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު، އެތަން ހަވާލުކުރުމުގެ ކުރިން މިހާރު ހުރި ކުނިތައް ނަގައި ސާފުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުނިކޮށި ސާފުކުރުމުން، އެތަނަށް ކުނި އަޅާއިރު ކުނިވާ ޒާތުގެ ކުނި ވަކިކޮށްގެން ގެންދިއުމަށް މާފުށީ ކައުންސިލުން އެދެ އެވެ.

ކުނި ނެގުމުގެ މަސައްކަތް ކުރީ އެންވަޔަރްމަންޓް މިނިސްޓްރީ އާއި ވެމްކޯ ގުޅިގެންނެވެ.

އެ މިނިސްޓްރީން ބުނީ މާފުށީގެ ކުނިކޮށިން ނެގި 900 އަށްވުރެ ގިނަ ޓަނުގެ ކުނި ގެންދާނީ ތިލަފުއްޓަށް ކަމަށެވެ.

ސިނާއީ މުހިއްމު އަދި ގެސްޓްހައުސްތައް ގިނަ ރަށަކަށް ވުމުން މާފުށީގައި މި ކުރެވުނީ މުހިއްމު ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މާފުށިން ކުނިތައް ނަގައި ސާފުކުރުމަށް 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މާލެ އަތޮޅުގެ އިތުރުން ވ. އަތޮޅުގެ ބައެއް ރަށްރަށުގައި ހުރި ކުނިފުނިތައް ހުސްކުރުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.