21 އޯގަސްޓް 2022 - 06:08

ބިހާރު (އޯގަސްޓް 20) އިންޑިއާގެ ބިހާރުގައި، ފޭކް ޕޮލިސް ސްޓޭޝަނެއް ހިންގަމުން ދިޔަ ގޭންގެއް އެކަން ކުރާތާ އަށް މަސް ފަހުން އަތުލައިގެންފި އެވެ.
ފުލުހުންގެ ނަމުގައި ގޭންގުތަކުން މީހުން އަތުން ފައިސާ ހޯދަން ޑިމާންޑް ކުރުމަކީ އިންޑިއާގައި ދޭތެރެ ދޭތެރެއިން ހިންގާ ކަމެކެވެ.
ބިހާރުގައި ފުލުހުންނަށް ވެގެން އުޅުނު މީހުންގެ ތެރެއިން ހަ މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ ގޭންގުގެ ލީޑަރު އަދިވެސް ނުހޯދެ އެވެ.
ހައްޔަރުކުރި "ފޭކް ފުލުހުން" ގެ ތެރޭގައި އަންހެން ފުލުސް އޮފިސަރުންނަށް ވެގެން އުޅުނު ދެ އަންހެނުން ވެސް ހިމެނެ އެވެ.
ބިހާރުގެ "އަސްލު" ފުލުހުންގެ އޮފިޝަލް ޑީސީ ސްރިވަސްތަވާ ވިދާޅުވި ގޮތުގައި "ފޭކް ފުލުހުން" ބޭނުންކުރަމުން ދިޔައީ ފުލުހުންގެ ޔުނީފޯމާ އޮއްގޮތް ޔުނީފޯމް ކަމަށެވެ. އަދި ރޭންކްތައް ތަފާތު ކުރުމަށް ޔުނީފޯމްގައި ބޭނުންކުރާ ކޯޑްތަކާއި ބެޖުތައް ވެސް ޔުނީފޯމް އަޅައިގެން އުޅުނު އެކި މީހުންގެ ތަފާތު ކަމަށް ސްރިވަސްތަވާ ވިދާޅުވި އެވެ.
އޭއެފްޕީން ބުނެފައިވާ ގޮތުގައި، ފޭކް ޕޮލިސް ސްޓޭޝަން ހިންގަމުން ދިޔައީ ހޮޓަލެއްގަ އެވެ. އަދި ބިހާރުގެ "އަސްލު ފުލުހުން" ގެ ވެރިޔާ ދިރިއުޅޭ ގެއާ 500 މީޓަރު ދުރުގައި އެ ގޭންގުން ފިހާރައެއް ހިންގައި އެތަނުގައި މަސައްކަތް ކުރުވުމަށް މީހުންނަށް މަޖުބޫރުކޮށްފައިވާ ކަމަށް ވެސް ސްރިވަސްތަވާ ވިދާޅުވި އެވެ.
ބިހާރުގެ ވޯކްޝޮޕަކުން ހަދައިފައިވާ ބަޑި ވެސް "ފޭކް ފުލުހުން" ގެންގުޅެމުން ދިޔަކަން ވަނީ ފަޅާއަރައިފަ އެވެ.
މީހުން އަތުން ފައިސާ ހޯދާފައި ވަނީ އެ މީހުންނާ ދެކޮޅަށް އެކި ކުށްތައް ފައިލް ކުރާނެ ކަމަށް ބުނެ ބިރު ދައްކައިގެން ކަމަށް އޭއެފްޕީން ރިޕޯޓް ކޮށްފައިވެ އެވެ.
މި ގޭންގް ފަޅާއެރީ އަސްލު ފުލުސް އޮފިސަރަކަށް މި މީހުން އުޅޭތައް ފެނި އެ މީހުން ގެންގުޅޭ ބަޑި ތަފާތުވުމުންނެވެ.