20 އޯގަސްޓް 2022 - 17:00

އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ސިޔާސީ އޮއިވަރުގައި ފެނަކައިގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅެއްގައި އެ ކުންފުނި މިސާލެެއްގެ ގޮތުގައި ނެންގެވީ ފެނަކަ އަށް ކުރާ އިތުބާރު ބޮޑުވުމުން ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސައީދު ވިދާޅުވީ، މާލޭގައި މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސްގެ މަންދޫބުންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު އެހެން ވިދާޅުވީ، ވަކި މައްސަލައެއް އޮވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ފެނަކައިގެ އެއްވެސްް މުވައްޒަފަކަށް ވަކި ކަމަކަށް ވޯޓު ދޭން ނުވަތަ ނުދޭން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. އަދި ކޮންގްރެސްގައި ނިންމާ ނިންމުންތަކަށް މިނިވަންކަމާއެކު ވޯޓު ދެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއް އައީ އެފަދަ ކަންކަން ނުކުރަން. ފެނަކައިގެ އެއްވެސް މުވައްޒަފަކަށް އެފަދަ އެއްވެސް ބިރުވެރިކަމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި ނަޝީދު ވިދާޅުވަނީ އަންނަ އަހަރުން އިތުރު ފަސް އަހަރަށް އެމްޑީޕީ އަށް އަދި ދިވެހިންނަށް އެ މަނިކުފާނަށް ހިދުމަތް ކޮށްދެއްވޭނެ ގޮތެއް ހޯއްދެވުމަކީ ވިސްނަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ، ކޮންމެ ތަނެއްގައި ވަޒީފާ އަދާކުރިޔަސް އެމްޑީޕީގެ މެންބަރުން ކަމުގައި ބަލައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ، ކޮންގްރެސްގައި ވަކި ގޮތަކަށް ވޯޓު ދިނުމުގެ ސަބަބުން ވަޒީފާ ގެއްލި ދިއުމުގެ ބިރުވެރިކަމެއް ނޯންނާނެ ކަމަށެވެ
"މިސާލަކަށް ފެނަކައިގެ ސީއީއޯ ސައީދު ވިދާޅުވެދާނެ އަޅުގަނޑާ ވާހަކަދައްކައިފިއްޔާ ވަޒީފާއިން ކަނޑާލާނަމޭ. އެކަމަކު އެހެންނެށް ނުވާނެ. އަޅުގަނޑުމެން ވެސް މި ތިބީ މި ޕާޓީގައި ދެމިތިބެން. އަޅުގަނޑުމެން ވެސް މި ތިބީ މި ރާއްޖޭގެ މަސްލަހަތު ހޯދައިދޭން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވިއިރު، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ކެމްޕެއިން ކުރި ދުވަސްވަރު ވެސް ސައީދާ ނުރުހުންވެ، އެމްޑީޕީ ގައުމީ މަޖިލިސް ގްރޫޕުގައި މެސެޖު ކޮށްފައިވެ އެވެ. އޭރު ވެސް ނަޝީދު ވަނީ ފެނަކައިގެ މުވައްޒަފުންނަށް ގުޅުއްވައި މުވައްޒަފުންނަށް ބިރު ނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ.
އޭގެ ރައްދުގައި ސައީދު ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.
ސޯޝަލް ސެންޓަރުގައި މާދަމާގެ ނިޔަކލަށް ކުރިއަށް ގެންދާ ކޮންގްރެސްގައި އޮތް އެންމެ ބޮޑު ހިޔާލު ތަފާތުވުމަކީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ނަޝީދު ކުރައްވާ މަސައްކަތްޕުޅާ މެދުގަ އެވެ. ކޮންގްރެސްގައި އެ ގޮތަށް ފާސްކުރަން އެ މަނިކުފާނު ގަރާރެއް ހުށަހަޅުއްވާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީދާ އެ ގަރާރާ ދެކޮޅެވެ.
ކޮންގްރެސްގައި ގައުމީ މަޖިލީހުގެ މެންބަރުންނާއި މޭޔަރުންނާއި ގޮފިތަކުގެ ރައީސުންނާއި ކައުންސިލަރުން ހިމެނޭހެން 1،447 މެންބަރުން ބައިވެރިވެ އެވެ.