ގެމްބިއާގެ އިލެކްޝަންސް ކޮމިޝަނަރު ފިލައިފި
ގެމްބިއާގެ އިލެކްޝަންސް ކޮމިޝަނަރު ފިލައިފި

ބަންޖުލް (ޖެނުއަރީ 4) - ގެމްބިއާގެ އިންޑިޕެންޑެންޓް އިލެކްޓޯރަލް ކޮމިޝަން (އައިއީސީ) ގެ ރައީސް ގެއްލިއްޖެ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ގެމްބިއާގެ އިލެކްޝަންސް ކޮމިޝަނަރު ފިލައިފި
ގެމްބިއާގެ އިލެކްޝަންސް ކޮމިޝަނަރު ފިލައިފި

މުޅިން ކަށަވަރު ނުވާ ޚަބަރުތައް ބުނާ ގޮތުގައި، މިދިޔަ މަހު ގެމްބިއާގައި ބޭއްވި އިންތިޚާބުން ރައީސް ޔަހުޔާ ޖައްމާހު ނާކާމިޔާބުވިކަން އިއުލާންކުރެއްވި އެލެކްޝަންސް ކޮމިޝަނާ އެލިއު މޮމާ ނަޖާއީ ވަނީ ފިލައިގެން ގައުމަށް ބޭރަށް ވަޑައިގެންފަ އެވެ.

ގެމްބިއާގައި މިދިޔަ މަހު 1 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ޔަހުޔާ އަށް ނާކާމިޔާބުވުމާ ގުޅިގެން އެންމެ ފުރަތަމަ ބަލި ގަބޫލް ކުރުމަށް ފަހު ވަނީ އިދިކޮޅު ކެނޑިޑޭޓް އަދަމާ ބަރޯ މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް އެއް ހަފުތާ ފަހުން ވަނީ ޔަހުޔާގެ ހިޔާލު ބަދަލުވެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހައްދައިފަ އެވެ. އަދި އިންތިހާބުގެ ނަތީޖާ ބާތިލްކޮށް އާ އިންތިހާބެއް ބާއްވައިދިނުމަށް އެދި ވަނީ ކޯޓަށް ވަޑައިގެންފަ އެވެ. މީގެ އިތުރުން ސިފައިން ފޮނުވައިގެން އިލެކްޝަން ކޮމިޝަން ވަނީ ހިސާރުކޮށްފަ އެވެ.

ނަޖައީ ވީ ކޮންތަނެއްގައި ކަމެއް އޭނާގެ އާއިލާ އިން ވެސް ނުބުނެ އެވެ. ނަމަވެސް އޭނާ ރައްކާތެރި ތަނެއްގައި ހުންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވަނީ ބުނެފަ އެވެ.

އިދިކޮޅު ލީޑަރު އަދަމާ ބަރޯ ވަނީ 222،708 ވޯޓު (43.34 ޕަސެންޓް) ހޯއްދަވައިފަ އެވެ. ގެމްބިއާގައި 22 އަހަރު ވެރިކަން ކުރެއްވި ރައީސް ޔަހުޔާ އަށް ލިބިވަޑައިގެންނެވީ 208،487 ވޯޓު (39.60 ޕަސެންޓް) އެވެ. އާ ރައީސް މި މަހު މަގާމާ ހަވާލުވާން ޖެހެ އެވެ. އެކަމަކު ރައީސް ޔަހުޔާ ގެންދަވަނީ ވެރިކަމުން ފައިބައިވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންނެވެ. ޔަހުޔާ މަގާމުން ދުރުނުވެއްޖެ ނަމަ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހުޅަނގު އެފްރިކާގެ ސަރަހައްދީ ޖަމާއަތުން ވަނީ ދީފަ އެވެ.

އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު ޔަހުޔާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ދަށުން އެ ގައުމުގެ ތިން ރޭޑިއޯ ސްޓޭޝަނެއް މިދިޔަ އާދިއްތަ ދުވަހުގެ ފަހުން ވަނީ ބަންދުކޮށްފަ އެވެ.

ގެމްބިއާ އަށް 1965 ވަނަ އަހަރު އިނގިރޭސިންގެ ބާރުގެ ދަށުން މިނިވަންކަން ލިބުނު ފަހުން އޮމާންކަމާ އެކު އެއްވެސް ފަހަރަކު ވެރިކަން ބަދަލުވެފައެއް ނުވެ އެވެ.