ވިދިވިގެން ތިން ހަފުތާގައި ނަސްރު ޔޫރަޕްގެ ބޮޑު ތިން މެރަތަން އަށް
ވިދިވިގެން ތިން ހަފުތާގައި ނަސްރު ޔޫރަޕްގެ ބޮޑު ތިން މެރަތަން އަށް

ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުުވުންތެރިޔާ ނަސްރުﷲ އަހުމަދު، އަންނަ މަހު ވިދިވިދިގެން ތިން ހަފުތާގައި ޔޫރަޕުގެ ވަރުގަދަ ތިން މެރަތަންއެއްގައި ވާދަ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވިދިވިގެން ތިން ހަފުތާގައި ނަސްރު ޔޫރަޕްގެ ބޮޑު ތިން މެރަތަން އަށް
ވިދިވިގެން ތިން ހަފުތާގައި ނަސްރު ޔޫރަޕްގެ ބޮޑު ތިން މެރަތަން އަށް

ނަސްރުގެ މެރަތަން ނަންބަރު 83، 84 އަދި 85 ދުވާނީ، ނޯވޭގެ އޮސްލޯ، ޖަރުމަންގެ ބާލިން އަދި ކޮލޯންގަ އެވެ.

ތިން މެރަތަން ވެސް ދުވާނީ ވިދިވިދިގެން ތިން ހަފުތާގަ އެވެ. އަންނަ މަހު 17 ގައި އޮސްލޯ މެރަތަންގައި ވާދަ ކުރާނެ އެވެ. އޭގެ ހަތް ދުވަސް ފަހުން ބާލިން މެރަތަންގައި އންނަ މަހު 25 ގައި ވާދަ ކުރާނެ އެވެ. ޖަރުމަންގެ ކޮލޯން މެރަތަންގައި ދުވާނީ އޮކްޓޯބަރު ދެވަނަ ދުވަހު އެވެ.

ފުލު މެރަތަންއެއްގައި ދުވަމަށް އާންމުކޮށް ބާރު އަޅަނީ އަހަރކު ދެ މެރަތަން އެވެ. ކޮންމެ މެރަތަންއެއްގެ ދެމެދުގައި ހަ މަސް ދުވަސް ރިކަވަރީ މޯޑްގައި ތަމްރީން ހަދަން ޖެހެ އެވެ. ނަސްރު ބުނި ގޮތުގައި މީގެ ކުރިން ވެސް އޭނާ ވަނީ ވިދިވިދިގެން ތިން ހަފުތާގައި ތިން މެރަތަންގައި ވާދަކޮށްފަ އެވެ. ތައިލެންޑާއި ސިންގަޕޫރުގައި އޭނާ ވަނީ ތިން މެރަތަން ވިދިވިދގެން ތިން ހަފުތާތެރޭ ދުވެފަ އެވެ.

"މިފަހަރު ތިން މެރަތަންގައި ވެސް ޓާގެޓަކީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ތިން މެރަތަން ވެސް ނިންމުން،" ހަތަރުވަނަ ފަހަރަށް ބާލިން މެރަތަންގައި ވާދަކުރަން ތައްޔާރު ވަމުން އަންނަ ނަސްރު ބުންޏެވެ.

އެމްއެންޑީއެފްގައި ވާޒީފާ އަދާކުރަމުން އަންނަ ނަސްރު ބުނީ އޭނާގެ މެރަތަންގެ ކެރިއާއިން ސިފައިންގެއިން ދޭ އެއްބާރުލުން ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

"ހަގީގަތުގައި ރާއްޖޭގައި ދިގު ދުވުންތައް ގާތްގަނޑަކަށް ވަޅުޖެހިފައި ވަނިކޮށް އެކަން ދިރުވީ އެމްއެންޑީއެފް އާއި ސިފައިންގެ ކްލަބުން. އޭގެ ޓްރޭނިންތަކުގެ ބުރަކަމާއި ހަރަދު ބޮޑުކަމުން ދިގު ދުވުންތައް މަޑުޖެހިފައި އޮތީ،" ނަސްރު ބުންޏެވެ.

ޑިފެންސުން ދޭ އެއްބާރުލުން އަގުވަޒަން ކުރުމުގެ ގޮތުން ނަސްރުގެ 80 ވަނަ މެރަތަންގެ މެޑަލް އޭނާ ހަދިޔާ ކުރެއްވީ ވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށެވެ.

މާލޭގައި 1999 ގައި ބޭއްވި އެމްޓީސީސީ މެރަތަންއިން، ދިގު ދުވުންތަކުގެ ރޭސް ތަކަށް ނުކުތް ދުވުންތެރިޔާ ވަނީ މިދިޔަ އަހަރު 12 މެރަތަން ފުރިހަމަކޮށްފަ އެވެ. މެރެތަންގައި އޭނާގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ދުވެފަ އެވެ. އަދި އެ 13 މެރެތަން ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ.