ސިދާތާއި ކިއާރާ ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަސްވެއްޖެ
ސިދާތާއި ކިއާރާ ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަސްވެއްޖެ

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ، ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދްވާނީ ރައްޓެހިވެގެން އުޅޭ ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.

ސިދާތާއި ކިއާރާ އެކުގައި މަސައްކަތްކުރި ފިލްމު، "ޝޭރްޝާހް" ގެ ޝޫޓިންގެ ތެރެއިން މި ދެތަރިން ޑޭޓް ކުރަން ފެށި ކަމަށް އަޑުއެރިޔަސް އެކަމާ ގުޅިގެން މީގެ ކުރިން މި ދެތަރިން އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ދެ މީހުން އެކަކު އަނެކަކުގެ ގެއަށް ގޮސް، އެކުގައި ޗުއްޓީއަށް ގޮސް އުޅޭ ފޮޓޯތައް ވެސް އާންމުވި އެވެ.

އެމީހުން ޑޭޓްކުރާ ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވީ ސެލެބްރިޓީ ގޮސިޕް ޝޯ، ކޮފީ ވިތު ކަރަންގަ އެވެ.

ވިކޯ ކޯޝަލް އާއި ސިދާތު ބައިވެރިވި އެންމެ ފަހުގެ އެޕިސޯޑުގައި ކަރަން ވަނީ ކިއާރާއާ ގުޅިގެން ސިދާތާ ސުވާލުކޮށްފަ އެވެ. ވަރަށް ލަދުން އެ ވާހަކަ ނުދައްކަން ސިދާތު އިންދާ، ކަރަން ވަނީ އަދި ރިލީޒްނުކުރާ އެޕިސޯޑެއްގައި ކިއާރާ، ސިދާތާ ގުޅިގެން ވާހަކަ ދައްކާ ވީޑިއޯއެއް ދައްކާލައިފަ އެވެ.

އޭގައި ފެންނަނީ ކިއާރާއާ ސިދާތުއާ ގުޅިގެން ސުވާލުކުރާ މަންޒަރެވެ. އެތައް ގޮތަކަށް ސުވާލުކުރަން ފެށުމުން ކިއާރާ ވަނީ އެ މީހުންނަކީ "މޯ ދެން ޖަސްޓް ކްލޯޒް ފްރެންޑްސް" ކަމަށް ބުނެފަ އެވެ. އެންމެ ފަހުން ސިދާތުއާ ވެސް އެކި ގޮތްގޮތަށް ސުވާލުކުރުމުން އޭނާ ދެއްކި ވާހަކަތަކުން އެނގުނީ އެމީހުން ރައްޓެހިވެގެން އުޅޭ ކަމެވެ.

ކަރަން ވަނީ އެމީހުންގެ ކައިވެނީގެ ކުރީގެ ހަފްލާގައި ނަށާނެ ލަވަ ވެސް ބުނެފަ އެވެ. އެހެންވެ، ސިދާތު ވަނީ އެ ލަވައަށް ނަށަންވާނެ ކަމަށާއި އޭނާ ވެސް މުސްތަގުބަލަށް ވިސްނާ ކަމަށް ބުނެ ކިއާރާއާ ގުޅޭ ވާހަކަ ދައްކައިފަ އެވެ.

ގާތްގަނޑަކަށް އެ އެޕިސޯޑު ފެށުނުތަނާހެން ސިދާތާއި ކިއާރާއާ ގުޅިގެން އަޅުވާ ކިޔަން ފެށުމުން ސިދާތު އިނީ ވަރަށް ލަދުންނެވެ.

އެ އެޕިސޯޑުގައި ކިއާރާ އާއި ސިދާތުގެ ލޯބީގެ ގުޅުމާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ވާހަކަ ދެކެވުނުއިރު ވިކީ އެދެނީ އެމީހުން އަވަހަށް ކައިވެނިކުރުމަށެވެ. އޭނާ ބުނާ ގޮތުގައި ކައިވެނިކުރުމުން ހުރިހާ ކަމެއް ވެސް ހަމައަކަށްއެެޅެ އެވެ.

ވިކީ އާއި އެކްޓްރެސް ކެޓްރީނާ ކައިފް ވެސް ވަރަށް ސިއްރުން އުޅުމަށް ފަހު ކައިވެނިކުރީ މިއަހަރު އެވެ. ކައިވެންޏާ އެކު އުޅެމުންދަނީ ވަރަށް އުފަލުގައި ކަމަށް ވިކީ ބުނެ އެވެ.