ސެމްސަންގް ގެލަކްސީ އެސް8 ޓެސްޓްކުރަން ފަށައިފި
ސެމްސަންގް ގެލަކްސީ އެސް8 ޓެސްޓްކުރަން ފަށައިފި

ގެލަކްސީ އެސް8 ޓެސްޓްކުރަން ފަށައިފި އެވެ. ސެމްސަންގް ކުންފުނި ތެރޭގައި ވާނުވާ އެނގޭ މީހުން ބުނާ ގޮތުގައި، އެސް8ގެ ފޯނުތަކުގެ ޓެސްޓްތައް ކުރަނީ ޗައިނާގަ އެވެ.

ސެމްސަންގް ގެލަކްސީ އެސް8ގެ ދެ މޮޑެލެއް މާކެޓަށް ނެރޭނެ ކަމަށް ބުނެވެ އެވެ. އެއީ އެސް8 އަދި އެސް8 އެޖް އެވެ. ބުނެވޭ ގޮތުގައި އެސް8 އެޖްގެ ބަދަލުގައި، އެސް8 ޕްލަސް ނެރުމަކީ ވެސް އެކަށިގެންވާ ކަމެކެވެ. އެސް8ގެ ދެ މޮޑެލެއް އުފައްދާއިރު އޭގެ ތެރެއިން އެސް8 އެޖް ނުވަތަ އެސް8 ޕްލަސްގެ ސްކްރީން ސައިޒް ބޮޑުވާނެ ކަމަށް ބުނެވެ އެވެ.

ގެލަކްސީ އެސް8ގެ ޗައިނާ އަށް ޚާއްސަ މޮޑެލް އަދި އިންޓަނޭޝަނަލް މޮޑެލް ވެސް ޗައިނާގައި ޓެސްޓްކުރާ ކަމަށް ވެ އެވެ. އެހެން ނަމަވެސް، ގެލަކްސީ ނޯޓް 7 އަށް ދިމާވި މައްސަލާއާ ގުޅިގެން، ފޯނުތަކުގެ ފެންވަރު ރަނގަޅުކުރަން ސެމްސަންގުން ކުރާ މަސައްކަތްތަކުގައި، އެ ސަރަހައްދަކަށް ޚާއްސަ މޮޑެލްތައް، އެ ސަރަހައްދެއްގައި ޓެސްޓްކުރާނެ ކަމަށް ބެލެވެ އެވެ.

ސެމްސަންގުން މި ފަހަރު "ގެލަކްސީ އެސް" އާއިލާގައި އާ ފީޗާތަކެއް ހިމަނާނެ ކަމަށް ބުނެވެ އެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް "އެސް" ފޯނުތަކުގައި ހިމަނާފައި ނުވާ ފީޗާތަކެކެވެ. އޭގެ ތެރެއިން ވެސް އެންމެ ހައިރާންކުރުވަނިވި ފީޗާއަކީ ގެލަކްސީ އެސް8 ގައި "އެސް ޕެން" ހިމެނުމެވެ.

"އެސް ޕެން" އަކީ ގެލަކްސީ ނޯޓް ސީރީޒަށް ޚާއްސަ ހަތިޔާރެކެވެ. އެހެންކަމުން ނޯޓް އާއިލާ ދޫނުކޮށް "އެސް" އާއިލާ އަށް، އެސް ޕެން ގެނައުމުން ނޯޓްގެ މުހިންމުކަން ކެނޑިދާނެ ކަމަށް ލަފާކުރެ އެވެ.

ސްމާޓްފޯނުތަކުގެ ޑިސްޕްލޭތައް ފަތްޖަހާލެވޭނެ ގޮތްތަކެއް ސެމްސަންގުން ހޯދަމުން ދާއިރު، ދެން ނެރޭ ނޯޓުގެ ޑިސްޕްލޭ އަށް އެ ފަދަ ބަދަލެއް ގެނައުމަކީ ނޯޓް އާއިލާ ދެކެ ފޫހިނުވާނެ ކަމެކެވެ. އެއީ ވެސް ސެމްސަންގުން ވިސްނާ ކަމެއް ކަމަށް ބުނެވެ އެވެ.