ނޮޓިންހަމް ފޮރެސްޓުން އަނެއްކާ ވެސް ޓްރާންސްފާގައި ކްލަބް ރެކޯޑެއް
ނޮޓިންހަމް ފޮރެސްޓުން އަނެއްކާ ވެސް ޓްރާންސްފާގައި ކްލަބް ރެކޯޑެއް

ނޮޓިންހަމްޝަޔާ (އޮގަސްޓް 19) - އިނގިރޭސި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓުން ކުލަބުގެ ރެކޯޑް ޓްރާންސްފާ އަގަކަށް ވުލްވްސް އަށް ކުޅޭ އުމުރުން 22 އަހަރުގެ ޒުވާން މިޑްފީލްޑަރު މޯގަން ގިބްސް-ވައިޓްގެ ސޮއި ހޯދައިފި އެވެ.

އަލަށް ޕްރޮމޯޓްވެ، ފޮރެސްޓުން ވަނީ ޖޫން މަހު، އެޓީމުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 17 މިލިއަން ޕައުންޑަށް ޖަރުމަންގެ ޔޫނިއަން ބާލިންއަށް ކުޅެމުން އައި ނައިޖީރިއާގެ ފޯވާޑް ޓައިވޯ އޮވޮނިއީ ގެނެސްފަ އެވެ. އަދި އެޓީމުން ސީޒަނުގައި މިހާތަނަށް ޖެހި ހަމައެކަނި ލަނޑު ވެސް ޖަހާފައި ވަނީ އޭނާ އެވެ.

ނަމަވެސް އިނގިރޭސި މިޑްފީލްޑަރު ގިބްސް-ވައިޓްގެ ސޮއި ހޯދާފައި ވަނީ 42.5 މިލިއަން ޕައުންޑުގެ އަގަކަށެވެ. ވުލްވްސް އަށް 25 މިލިއަން ޕައުންޑް ދައްކާފައި އޭނާގެ ސޮއި ހޯދާފައި ވާއިރު، އެޑް-އޯންސްގެ ގޮތުގައި އިތުރު 17.5 މިލިއަން ޕައުންޑް ހުށަހެޅިފައި ވެއެވެ.

ވުލްވްސްގެ އެކަޑަމީ އިން ތަމްރީނު ވެގެން އެޓީމާ އެކު ހަތް ސީޒަން ހޭދަކުރި ނަމަވެސް ގިބްސް-ވައިޓް އަށް މާ ގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ޗެމްޕިއަންޝިޕުގައި ޝެފީލްޑް ޔުނައިޓެޑާ އެކު 35 މެޗު ކުޅެ، އެޓީމަށް 11 ލަނޑު ޖަހައި، 10 ލަނޑު ޖަހަން އެހީވެދީފަ އެވެ.

ފޮރެސްޓުން ގިބްސް-ވައިޓް ގެނައީ ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގަ އެވެ. އޭނާ އަކީ އެ ޓީމުން އާ ސީޒަނަށް ގެނައި 16 ވަނަ ކުޅުންތެރިޔާ އެވެ. އެޓީމުން ވަނީ މިދިޔަ ސީޒަނުގައި ވަޓްފޯޑަށް ކުޅުނު ފޯވާޑް އެމަނުއެލް ޑެނިސް އާއި ކްރިސްޓަލް ޕެލަސް އަށް ކުޅުނު ޗީކޫ ކުޔާޓޭގެ އިތުރުން އެޓަލާންޓާ އަށް ކުޅޭ މިޑްފީލްޑަރު ރެމޯ ފްރޯލާގެ ސޮއި ވެސް ހޯދައިފަ އެވެ.

ލީގުގައި ނޮޓިންހަމް ފޮރެސްޓުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ރަށުން ބޭރުގައި 2-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ނަމަވެސް ދެ ވަނައަށް ކުޅުނު މެޗުގައި އެ ޓީމުން ވަނީ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ވެސްޓް ހޭމް ޔުނައިޓެޑް 1-0 އިން ބަލިކޮށްފަ އެވެ.

ވުލްވްސް އިން ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ފުލް ކޮށް ކުޅެފައިވާ ގިބްސް-ވައިޓް، ނޮޓިންހަމް އިން މާދަމާ ރޭ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅުމުގެ ފުރުސަތު އެބަ އޮތެވެ.