19 އޯގަސްޓް 2022 - 18:34

އެމްޓީސީސީ ނޯތު ލީގުގެ ދެ ވަނަ ޑިވިޝަނުގައި ހޮޅުދޫ ފުޓުބޯޅަ ކުލަބާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ކޮށްލައިގެން، ބާކީ އެއް މެޗު އޮއްވައި ކެނދިކުޅުދޫ ފުޓުބޯޅަ ކުލަބުން އެއްވަނަ ޑިވިޝަނުގެ ޖާގަ ޔަގީންކޮށްފި އެވެ.
ހޮޅުދޫގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗުގައި ކެނދިކުޅުދޫ އިން މެޗުގައި ލީޑު ނެގީ 76 ވަނަ މިނިޓުގައި، އަބްދުﷲ ސުއާދު ޖެހި ލަނޑުންނެވެ. ހޮޅުދޫ އިން އެއްވަރުކުރީ މެޗުގެ 87 ވަނަ މިނިޓުގައި އަހުމަދު އާސިފް ކާމިޔާބު ކޮށްދިން ގޯލުންނެވެ.
ކެނދިކުޅުދޫގައި މި ދެޓީމު ބައްދަލުކުރި މެޗު ކެނދިކުޅުދޫ އިން ވަނީ ފަސޭހަ ކަމާ އެކު ކާމިޔާބު ކޮށްފަ އެވެ.
އިއްޔެގެ މެޗުން ހޯދި ޕޮއިންޓާ އެކު ކެނދިކުޅުދޫ އަށް ވަނީ ފަސް މެޗު ކުޅެގެން 10 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ހޮޅުދޫ އަށް އަށް ޕޮއިންޓް ލިބިފައި ވާއިރު، ތިން ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދާފައިވާ ސޮސައިޓީ ފޯ މާޅެންދޫ ޔޫތު ޑިވެލޮޕްމަންޓެވެ. ފުލުގައި އޮތް ކުޑަފަރީ ފުޓުބޯޅަ ކުލަަބަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.
އެއް ވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާނީ ގުރޫޕުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެކެވެ. ނ. އަތޮޅުގެ ހަތަރު ޓީމު ހިމެނޭ މި ގުރޫޕުގެ ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތް އިރު، ކުޑަފަރީ އަށް ވަނީ މާޅެންދޫ އަތުން ބަލިވުމާ އެކު އެ ފުރުސަތު ގެއްލިފަ އެވެ. ނަމަވެސް ކެނދިކުޅުދޫ އާއެކު އެއް ވަނަ ޑިވިޝަނަށް ދާން ހޮޅުދޫ އާއި މާޅެންދޫ އަށް ވެސް ފުރުސަތު އެބަ އޮތެވެ.
ކެނދިކުޅުދޫގައި އިއްޔެ ކުޅުނު މެޗުގައި، މާޅެންދޫ އިން ވަނީ 3-1 އިން ކުޑަފަރީ ބަލިކޮށް، އެއް ވަނަ ޑިވިޝަނުގެ ޖާގައެއް ހޯދުމުގެ އުންމީދު އާކޮށްފަ އެވެ.
މެޗުގެ 20 ވަނަ މިނިޓުގައި ހަސަން ޖަވާދު ޖެހި ގޯލުން ހޮޅުދޫ ލީޑު ނަގާފައި ވަނިކޮށް ކުޑަފަރީ އިން ވަނީ 39 ވަނަ މިނިޓުގައި ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޯށްފަ އެވެ. މި ލަނޑު ޖަހައިދިނީ މުހައްމަދު ވަހީދެވެ.
މާޅެންދޫ އިން މެޗު ކާމިޔާބުކުރީ މެޗުގެ ފަހު 20 މިނިޓުތެރޭ ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 72 ވަނަ މިނިޓުގައި މޫސާ މުހައްމަދު އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން އިރު، ލީޑު ފުޅާކޮށް ތިން ޕޮއިންޓް ޔަގީން ކޮށްދިން ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ އިބްރާހިމް ނިޔާޒެވެ.
މި ގުރޫޕުގެ ފަހު ދެ މެޗު މާދަމާ ކުޅެން ހަމަޖެހިފައި ވާއިރު، ކެނދިކުޅުދޫގައި ކުޅޭ މެޗުގައި އެ ޓީމުން ނުކުންނާނީ ކުޑަފަރީއާ ދެކޮޅަށެވެ. ކުޑަފަރީ އިން ކެނދިކުޅުދޫއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައި ވާއިރު، ގުރޫޕުގެ އެއްވަނަ ހޯދަން ކެނދިކުޅުދޫ އަށް މެޗު ކާމިޔާބުކުރުން މުހިއްމެވެ.
ހޮޅުދޫގައި ކުޅޭ މެޗުގައި، ހޮޅުދޫ ނުކުންނާނީ މާޅެންދޫއާ ދެކޮޅަށެވެ. މާޅެންދޫ އިން ހޮޅުދޫއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ހޮޅުދޫ މޮޅުވީ 1-0 ގެ ހަނި ތަފާތަކުންނެވެ. މާޅެންދޫ އަށް އެއް ވަނަ ޑިވިޝަނުން ޖާގަ ހޯދެން އަންނަނީ މާދަމާގެ މެޗުގައި ހޮޅުދޫ ބަލި ކޮށްގެންނެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ހޮޅުދޫ އަށް މި ގުރޫޕުން އެއްވަނަ ޑިވިޝަނުގެ ފަހު ޖާގަ ޔަގީން ވާނެ އެވެ.