ކޮންގްރެސް އަށް ފަހު ރިޔާސީ ޕްރައިމަރީ ބާއްވާނަން: އެމްޑީޕީ
ކޮންގްރެސް އަށް ފަހު ރިޔާސީ ޕްރައިމަރީ ބާއްވާނަން: އެމްޑީޕީ

މިރޭ ފަށާ އެމްޑީޕީގެ ކޮންގްރެސް އަށް ފަހު ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމަށާއި ކޮންގްރެސް ތެރޭގައި އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރުމުގެ ހުށަހެޅުމެއް ނެތް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ސޯޝަލް ސެންޓަރުގައި ބާއްވާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްއާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ އެ ޕާޓީގެ ސްލޮޓްގައި އިންތިހާބު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ އަށް އޮޓޮމެޓިކުން ދެވަނަ ދައުރެއް ދިނުމަކީ ޕާޓީގެ މިހާރުގެ އަސާސީ ގަވައިދުން ޖާގަ ލިބޭ ކަމެއް ނޫން ކަމަށެވެ.

ރައީސަށް ދެވަނަ ދައުރެއް ދިނުމާ ގުޅޭ އެއްވެސް އިސްލާހެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ޕްރައިމަރީ އާއި ޓިކެޓު ހަވާލުކުރުން ކޮންގްރެސް އަށް ފަހު ބާއްވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބައެއް ބޭފުޅުން ގުޅުއްވާފައި ވިދާޅުވޭ 2023 ގެ ރިޔާސީ ޓިކެޓު ކޮންގްރެސް ތެރޭގައި ހަވާލު ކުރުމަށް. އަޅުގަނޑު ދަންނަވާލަން ބޭނުން ޕާޓީގެ ހުރިހާ މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް ވެސް، އަޅުގަނޑުމެން ޕާޓީގެ ޕްރައިމަރީއެއް އޮންނާނެ މި ކޮންގްރެސް އަށް ފަހުގައި،" އޭނާ ވިދާޅުވި އެވެ.

ކޮންގްރެސް އަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހިމް ރަޝީދު (އިބުރޭ) ވިދާޅުވީ އަސާސީ ގަވައިދަށް ހުށަހަޅާފައި ވަނީ ހިންގުމާ ގުޅޭ އިސްލާހުތަކެއް ކަމަށެވެ.

އޭގެ ތެރޭގައި ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަނަކީ ކޮންގްރެސް އިން މިހާރު އިންތިހާބު ކުރަން ޖެހޭ މަގާމެއް ނަމަވެސް އެއީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވާ ބޭފުޅަކު، ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަންކުރާ ބޭފުޅަކަށް ހެދުމަށް ހުށަހަޅާފައިވާ ކަމަށް އިބުރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ނައިބު ރައީސަކީ ވެސް ގައުމީ މަޖިލީހުގެ ރުހުމާއެކު، ޕާޓީގެ ރައީސް އައްޔަން ކުރާ މަގާމަކަށް ހެދުމަށް ވެސް ހުށަހަޅާފައިވާ ކަމަށް އިބުރޭ ވިދާޅުވި އެވެ.

އޭގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުން އެއް މެމްބަރަކު ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށާއި ދާއިރާތައް ހިންގާ ގޮތަށް ވެސް ބައެއް އިސްލާހުތައް ގެންނަން ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

"ސިޔާސަތު ބޮޑެތި ބަދަލުތަކެއް އަންނަ ފަދަ އެއްވެސް އިސްލާހެއް ލިބިފައެއް ނެތް،" އިބުރޭ ވިދާޅުވި އެވެ.

ކޮންގްރެސްގައި މެމްބަރުން ލާނީ ސިއްރު ވޯޓެކެވެ. ނަމަވެސް އެ ނޫން ގޮތަކަށް ފާސްވެއްޖެ ނަމަ ޑިޖިޓަލީ އެންމެނަށް ފެންނަ ގޮތަށް ވޯޓު ލާނެ އެވެ.

މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހާ ހަމައަށް ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ގައުމީ މަޖިލީހުގެ މެންބަރުންނާއި މޭޔަރުންނާއި ގޮފިތަކުގެ ރައީސުންނާއި ކައުންސިލަރުން ހިމެނޭހެން 1،447 މެންބަރުން ބައިވެރިވެ އެވެ.

އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ފެކްޝަން އުފެދި ވަރަށް ބޮޑަށް މައްސަލަ ހޫނުވެފައިވާ އިރު އެ ދެ ބޭފުޅުން ވެސް އެކީ މި ކޮންގްރެސް ތެރޭ ފެންނާނެ އެވެ.

އަސާސީ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފައި ނެތް ނަމަވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމާ ގުޅޭ ގަރާރެއް ކޮންގްރެސް އަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގަރާރާ ދެކޮޅެވެ.