19 އޯގަސްޓް 2022 - 18:48

ލަންޑަން (އޮގަސްޓް 19)- އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާ ޗެލްސީ އާއި ޓޮޓެންހަމް ކުޅުނު މެޗުގައި ޓޮޓެންހަމުން ފަހު މިނިޓުގައި 2-2 އިން އެއްވަރުކުރި ލަނޑު ޖެހުމުގެ ކުރިން، ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ ޗެލްސީގެ މާކް ކުކުރޭޔާގެ އިސްތަށިގަނޑުގައި ހިފައި ވައްޓާލުމުން، އެ މެޗުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) މައިކް ޑީން އޭނާގެ ނިންމުން ގޯސް ކަމަށް އެއްބަސް ވެއްޖެ އެވެ.
އެ މެޗުގައި ރެފްރީކަން ކުރި އެންތަނީ ޓޭލާ ފައުލެއް ނުދެއްކުމުން ޓޮޓެންހަމުން ވަނީ އޭގެ ފައިދާ ނަގައި އެންމެ ފަހު ވަގުތު ލަނޑު ޖަހައި ސްޓޭމްފޯޑް ބްރިޖުގައި ޗެލްސީ އަތުން ޕޮއިންޓެއް ހޯދައިފަ އެވެ.
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ވަރަށް ހިތްހަމަ ނުޖެހި ހުރެ ފާޅުކަން ބޮޑު ގޮތެއްގައި ރެފްރީ ޓޭލާ އާއި ވީއޭއާރުގައި އިން ޑީން އަށް ފާޑު ކިޔައިފަ އެވެ. ޓުޗެލް ބުނީ ޗެލްސީ ކުޅޭ މެޗުތަކުގައި ޓޭލާ އަށް ރެފްރީކަން ކުރަން ހަވާލުކުރުމަކީ ޓީމުގެ ކުޅުންތެރިން މާޔޫސްވާ ކަމެއް ކަމުގައި ބުނެފަ އެވެ.
އިނގިރޭސި އެފްއޭ އިން ވަނީ ޓުޗެލް ރެފްރީންނަށް ފާޑުކީ މައްސަލަ ބަލަން ފަށައިފަ އެވެ. މީގެ އިތުރުން މެޗަށް ފަހު ޓުޗެލް އާއި ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ދެމެދު ހިނގި ކުރިމަތިލުމުގެ މައްސަލަ ވެސް އެފްއޭ އިން އަންނަނީ ބަލަމުންނެވެ.
"އަހަރެންނަށް ވީއޭއާރުގައި ހުރެގެން އެއަށް ހިލޭ ޖެހުމެއް ނުދެވޭނެ، އެކަމަކު އަހަރެންނަށް (އެންތަނީ) ޓޭލާ އަށް ލަފާ ދެވުނީސް، އެއީ ރަތް ކާޑު ދެއްކިދާނެ އަމަލެއް ކަމަށް ނިންމަން ވީއޭއާރު ރިވިއު އޭރިއާ އަށް ގޮސް ގޮތެއް ނިންމަން،" މައިކް ޑީން ބުނެފައި ވެއެވެ.
"އެ ކުޑަ ވަގުތުކޮޅު ތެރޭގައި އަހަރެން ދިރާސާ ކުރަން ޖެހުނު ރޮމޭރޯ، ކުކުރޭޔާގެ އިސްތަށިގަނޑަށް ދަމައިގަތް މައްސަލަ ވެސް، އަހަރެންނަށް އެއީ ނުރައްކާތެރި އަމަލެއް ގޮތުގައި ނުފެނުނު."
ޑީން އިތުރަށް ބުނީ، އޭނާ ފަހުން އެ ފޫޓޭޖް އިތުރަށް ކުރި ދިރާސާއަށް ފަހު، އެހެން ރެފްރީންނާ ކުރި މަޝްވަރާއަށް ފަހު ވިސްނުނު ގޮތުގައި، ރެފްރީ ޓޭލާ އަމިއްލައަށް ސައިޑު މޮނީޓަރުން ރީޕްލޭ ބަލައިފައި ގޮތެއް ނިންމަން ލަފާ ދޭން ޖެހޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.
"އަހަރެން އެދެން ޖެހޭނެ ޓޭލާ އަމިއްލައަށް ޕިޗް ސައިޑް މޮނީޓަރުން ރީޕްލޭ ބަލައިފައި ގޮތެއް ނިންމަން. އަބަދު ވެސް އެންމެ ފަހު ބަސް ބުނާނީ ދަނޑުމަތީގައި ހުންނަ ރެފްރީ،" މައިކް ޑީން ބުންޏެވެ.