ދައުރުވަނީ އުޅަނދުތައް ނައްތާލުމާ ގުޅޭ ވީޑިއޯއެއް: ފުލުހުން
ދައުރުވަނީ އުޅަނދުތައް ނައްތާލުމާ ގުޅޭ ވީޑިއޯއެއް: ފުލުހުން

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކީ ޓޯޔާޑްގައި ހުރި އުޅަނދުތައް ނައްތާލުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް ނަގައިފައިވާ ވީޑިއޯއެއް ކަމަށް ފުލުހުން ބުނެފި އެވެ.

ޕޮލިސް ޓޯޔާޑް ތެރޭގައި ހުރި ސައިކަލެއްގައި ފުލުހަކު ދަގަނޑުބުރިއަކުން ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ. އެ ވީޑިއޯއަށް ބައެއް އާންމުން ފާޑުކިޔައި، ޓޯޔާޑުގައި ހުންނަ އުޅަނދުތަކަށް ގެއްލުން ދެނީ ކަމަށް ބުނެފައިވެ އެވެ.

އެ ކަމާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް ޕާކްކޮށްގެން ފުލުހުން ޓޯކުރާ އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތު އުޅަނދުތަކުގެ ވެރިފަރާތަށް ދެވޭ ކަމަށެވެ. އަދި 60 ދުވަހުގެ ތެރޭގައި ހަވާލުނުވާ އުޅަނދުތައް ނައްތާލުމުގެ ބާރު އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ފުލުހުންނަށް ލިބިގެންވާ ކަމަށް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އުޅަނދުތައް ނައްތާލަން ގެންދިއުމުގެ ކުރިން އެ އުޅަނދު ފުލުހުން ޗެކްކުރާ ކަމަށާއި އެ ގޮތަށް ނައްތާލާ އުޅަނދުތައް ނައްތާލާނީ އެ ކަމަށް ހެދިފައިވާ އުސޫލާ އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ.

ފުލުހުން ބުނީ ދައުރުވާ ވީޑިއޯއަކީ އުޅަނދުތައް ނައްތާލުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތް ހިނގަމުންދަނިކޮށް މީހަކު ނަގައިފައިވާ ވީޑިއޯއެއް ކަމަށެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ޓޯ ކުރެ އެވެ.