ރޭ ވެސް މާލޭގައި މާރާމާރީއެއް، ތިން މީހަކު ހައްޔަރުކޮށްފި
ރޭ ވެސް މާލޭގައި މާރާމާރީއެއް، ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާލުވީ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގި ކަމުގެ މައުލޫމާތު ރޭ 10:30 ހާއިރު ލިބުމުން ފުލުހުން އެ ތަނަށް ދިޔައިރު މާރާމާރީ ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

އެކަމަކު، އެ މާރާމާރީގެ ތުހުމަތުގައި ދިވެހި ތިން ފިރިހެނުން ރޭ ހައްޔަރު ކޮށްފައިވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެެ.

އެ މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވެ އެވެ. އެ ވީޑިއޯ އިން މަގު މެދުގައި ހަ މީހަކު ހަމަނުޖެހުން ހިންގާ މަންޒަރު ފެނެ އެވެ. ކުރިއަށް ނުދެވި އެ ތަނުގައި ގިނަ ބަޔަކު މަޑުކޮށްްގެން ތިއްބެވެ. އެކަމަކު ހުއްޓުވަން މަސައްކަތެއް ނުކުރެ އެވެ.

އެ މާރާމާރީއަކީ އިއްޔެ މާލޭގައި ހިންގި ދެ ވަނަ މާރާމާރީ އެވެ. އޯކިޑް މަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެގަނެ އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކަށް ހަމަލާދީ އިއްޔެ ހަވީރު ވަނީ ޒަހަމްކޮށްލައިފަ އެވެ. އެ މީހާ އިއްޔެ ވަނީ އޭޑީކޭއަށް ގެންގޮސްފަ އެވެ.

މިދިޔަ ހޯމަ ދުވަހު ރޭ ވެސް މާލޭގެ ހިތަށްފިނިވާ މަގުގައި މާރާމާރީއެއް ހިންގައި ދެ މީހަކު ވަނީ ޒަހަމްކޮށްލައިފަ އެވެ.