05 ޖެނުއަރީ 2017 - 06:30

"ފިތޫރު" ކުޅެން ފެށީއްސުރެ ކެޓުރީނާ ކައިފް އާއި އަދިތުޔާ ރޯއީ ކަޕޫރަކީ ގާތް ދެ އެކުވެރިންނަށް ވަނީ ވެފަ އެވެ. ޚާއްސަކޮށް ކެޓުރީނާ އަށް މިހާރު އަދިތިޔާ ވަރެއް ނެތެވެ. މިކަމާ އެންމެ ހިތްހަމަނުޖެހެނީ ކެޓުރީނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރެވެ.

އަދިތުޔާ އަކީ ރަންބީރުގެ އެންމެ ގާތް އެކުވެރިޔާ އެވެ. ބެސްޓް ފްރެންޑާއި ކުރީގެ ލޯބިވެރިޔާ މާ ބޮޑަށް ގާތްވާން ފަށައިފި ނަމަ އެއްވެސް މީހަކަށް އެއީ ކެތްކުރަން ފަސޭހަ ކަމަކަށް ވާނެހެން ހިއެއް ނުވެ އެވެ.
ރަންބީރުގެ މައްސަލައަކީ ކެޓުރީނާ އާއި އަދިތުޔާގެ ގާތް ގުޅުމެއް ނޫނެވެ. ކެޓުރީނާއާ ހެދި އަދިތުޔާ އެއްވެސް ވަރަކަށް ރަންބީރާއި އެހެން އެކުވެރިންނާ އެކު ވަގުތު ހޭދަ ނުކުރުމެވެ. ރަންބީރު އޭނާގެ އާ ގެއަށް ބަދަލުވުމަށް ފަހު ބޭއްވި "ހައުސް ވޯމިން" ޕާޓީއަށް ވެސް އަދިތުޔާ ނުދެ އެވެ. ޕާޓީ އަށް ދާން އޮތް ވަގުތު ކެޓުރީނާއާ އެކު އަދިތުޔާ ކޮންމެވެސް ތަނަކަށް ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އިންޑިއާގެ ނޫސްތަކުގައި ޖަހާފައި ވަނިކޮށް ރަންބީރު ވަނީ ހިތްހަމަނުޖެހިފަ އެވެ.
އޮންލައިން ނޫސްތަކުން ބުނަނީ ކެޓުރީނާ އާއި އަދިތުޔާގެ މެދުގައި ލޯބީގެ ގުޅުމެއް އާލާވަމުން އަންނަ ކަމަށެވެ. ނަމަވެސް މި ދެ ތަރިން އަދި އެވާހަކަތަކަށް ބުނަނީ ނޫނެކޭ އެވެ.
ކެޓުރީނާ ބުނަނީ އަދިތުޔާ އާއި އޭނާ އަކީ ވަރަށް ގާތް ދެ އެކުވެރިންކަމަށާއި އެކަކު އަނެކަކާ އެކު ހުސް ވަގުތުތައް ހޭދަކުރަން ދެ މީހުން ވެސް ބޭނުންވާ ކަމަށެވެ.
މިޑް ޑޭ ނޫހުގައި ބުނާ ގޮތުގައި ރަންބީރު އަދިތުޔާ ދެކެ ހިތްހަމަނުޖެހިގެން އުޅެނީ ކެޓުރީނާއާ ގުޅުން ބަދަހިކޮށްގެނެއް ނޫނެވެ. އެ ދެ މީހުން އެކުގައި ކޮންމެ ދުވަހަކު ވެސް ފުޓުބޯޅަ ޕްރެކްޓިސް އަށް ގޮސް އުޅުނަސް މިހާރު ވަގުތު ނުވާކަމަށް ބުނެ ރަންބީރާ އެކު ފުޓުބޯޅަ ކުޅެން ވެސް އަދިތުޔާ ނުދަނީ އެވެ.
އެއް ބަޔަކު ބުނަނީ ރަންބީރަކީ އަދިތުޔާގެ ބެސްޓް ފްރެންޑަށް ވެފައި ރަންބީރާއި ކެޓުރީނާ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނުކަން އަދިތުޔާ އަށް ރަނގަޅަށް އެނގޭތީ އޭނާ ކެޓުރީނާ އާ އެފަދަ ގުޅުމެއް ބާއްވަން ނުވިސްނާނެ ކަމަށެވެ. ނަމަވެސް ކެޓުރީނާ މަސައްކަތްކުރަނީ ރަންބީރަށް އެހެން މަންޒަރެއް ދައްކަން ކަމަށް ބައެއް މީހުން ބުނެ އެވެ.
އަދިތުޔާ އަކީ މުމްބައިގެ ވަރަށް ފައިސާވެރި އާއިލާއެއްގެ މީހަކަށް ވެފައި ރަންބީރު ނޫނަސް ރަނގަޅު މީހުން އޭނާއަށް ލިބޭނެކަމަށް ސާބިތުކޮށްދޭން ކެޓުރީނާ ބޭނުންވަނީ ކަމަށް އޭނާއަށް ފާޑުކިޔާ ބައެއް މީހުން ބުނެ އެވެ.