18 އޯގަސްޓް 2022 - 20:18

ދިރިއުޅުމަށް ހުޅުމާލެއިން ގޯތި ވިއްކަން އިތުރު 74 ބިމެއް ބީލަމުގެ އުސޫލުން ވިއްކަން އެޗްޑީސީން މިއަދު އިއުލާނުކޮށްފި އެވެ.
އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ބުނީ ބީލަމުގެ އުސޫލުން ވިއްކަން ނިންމާފައި ވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކާފޫޓާ ދެމެދުގެ 74 ބިން ކަމަށެވެ. އެ ބިންތައް ދޫކުރަނީ ހުޅުމާލޭގެ ކޮން ހިސާބަކުން ކަމެއް އެ އިއުލާނުގައި ބުނެފައެއް ނެތެވެ.
ވިއްކަން ނިންމާފައި ވަނީ ހުޅުމާލެ ބީޗު ފްރަންޓުން 22 ބިމަކާއި ބީޗް ސައިޑުން 52 ބިމެއް ކަމަށާއި އަދި ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެއް ކަމަށް އެ އިއުލާނުގައިވެ އެވެ. އެ ބިންތަކަށް ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގު ވެސް ހިމަނާފައިވެ އެވެ. އެއީ؛
- ބީޗު ފްރަންޓުން އަކަފޫޓަކަށް 6،500ރ.
- ބީޗު ސައިޑުން އަކަފޫޓަކަށް 5،500ރ.
- ބިޑް ސެކިއުރިޓީގެ ގޮތުގައި 1 މިލިއަން ރުފިޔާ
އެޗްޑީސީން ބުނީ އެ ބިންތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން، އަންނަ މަހުގެ 1 އާ ހަމަޔަށް ފޯމު ވިއްކާނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 11 އަދި 12 ވަނަ ދުވަހު އެވެ.
- އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވުން.
- މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް/ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތުން.
- މާލެ ސަރަހައްދުން ބިމެއް/ގޯއްޗެއް އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ނަމަ، 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށް ނުވުން.
- އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ މީހަކަށް ނުވުން.
- ބީލަމުން ބިމެއް ގަނެ، އެހެން މީހެއްގެ ނަންމައްޗަށް އެ ބިން ބަދަލުކޮށްފައި ވިޔަސް މި ބީލަމުގައި ބައިވެރިނުވެވޭނެ.
އެޗްޑީސީން ވަނީ މި އަހަރު ފެބްރުއަރީ މަހުގައި ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކައިފަ އެވެ. އެ ފަހަރު ބައެއް ބިންތައް އަކަފޫޓަކަށް 10،000ރ. އަށް ވުރެ ބޮޑު އަގެއް ހުށަހެޅި އެވެ. އެ ބިންތައް ވިއްކައިގެން އެ ކުންފުންޏަށް ބިލިއަނެއްހާ ރުފިޔާގެ އާމްދަނީ ވަނީ ލިބިފަ އެވެ.
ސަރުކާރުން ވަނީ މާލޭ ރަށްވެހިންނަށް ބިން ދޭން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެކަމަކު މި ބިންތައް ހިލޭ ދޭން ނިންމާފައި ވާތީ އެކަމާ ދެކޮޅަށް ގެންދަނީ އަޑު އުފުލަމުންނެވެ. އަދި އެއްވެސް އިރަކު މާލެ ނޫން އެހެން ތަނަކުން މާލެއަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ މީހުންނަށް ވެސް ބިމަށް ކުރިމަތިނުލެވޭތީ އެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.