18 އޯގަސްޓް 2022 - 19:33

އެމްޑީޕީން މާދަމާ ފަށަން ތައްޔާރުވެފައިވާ އެ ޕާޓީގެ ކޮންގްރެސް ފަސްކޮށްދޭން މެމްބަރަކު އެދިވަޑައިގެންފައި ވިޔަސް ކޮންގްރެސް ފަސްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސްގައި ބައިވެރިވާ ބައެއް މަންދޫބުން މިއަދު މާލެ އައުމުން މަރުހަބާ ދަންނަވަން ރަސްމީ ފާލަމަށް ވަޑައިގެން ރާއްޖެ ޓީވީގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ކޮންގްރެސްއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، ގަވައިދާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވި އެވެ.
..."ދެން ކޮންގްރެސް ފަސްކުރަންޖެހޭ އެއްވެސް ކަހަލަ ސަބަބެއް ނެތް،" އިގްތިސާދާ ބެހޭ ވަޒީރުކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.
ކޮންގްރެސް ފަސްކުރަން އެދި ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
އޭނާގެ ހުށަހެޅުއްވުން އައީ ކޮންގްރެސް އަށް ގޮފިތައް އުފައްދާފައިވާ ގޮތާ މެދު ތުހުމަތުތަކެއް ކުރައްވަ އެވެ. އެ ތުހުމަތާ އެކު ކޮންގްރެސް ފަސްކޮށްދޭން އެދިވަޑައިގަތް އިރު، ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށް ގާނޫނުއަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތައް ހިމެނޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު އޮތީ އެޖެންޑާކޮށްފަ އެވެ.
ފައްޔާޒަށް ފޮނުއްވި ސިޓީގައި އާޒިމް ވިދާޅުވީ، ޕާޓީގެ އެންމެ އިސްގުނަންގެ ގޮތުގައި އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮންގްރެސްގައި ގޮފިތަކުގެ ރައީސުންނަށް ބައިވެރިވެ، ވޯޓު ދިނުމުގެ ފުރުސަތު ދީފައި އޮންނަ ކަމަށެވެ. މި ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެނީ ގޮފި ގަވައިދުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިހާބެއް ބޭއްވުމަށް ފަހު ކަމަށާއި ކޮންގްރެސްގައި ބައިވެރިވާ ގޮފީގެ ރައީސާއި ނައިބު ރައީސް ވާން ޖެހޭނީ އެ އުސޫލުން އިންތިހާބުވެފައިވާ މީހުންނަށް ކަމަށެވެ.
އާޒިމްގެ ހުށަހެޅުއްވުމަށް ފަހު ފުރަތަމަ ފަހަރަށް ފައްޔާޒު މީޑިއާގައި ވިދާޅުވީ، އެމްޑީޕީގެ ކަންކަން އިސްލާހުކުރަން ޕާޓީގެ އަސާސީ ގަވައިދަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށެވެ.
"މިސާލަކަށް އަޅުގަނޑަށް އޭތި [ނަޝީދުގެ ބަރުލަމާނީ ގަރާރު] ފާސްނުވެދާނެ ކަމަށް ހީވެގެން އަޅުގަނޑު ކޮންގްރެސް ލަސްކުރަން އަޅުގަނޑު އުޅުމަކީ އެއީ އަދި މުޅިން އެހެން ކަމެއް. ކޮންގްރެސް ނުބޭއްވޭ ވަރުގެ މައްސަލައެއް ދިމާވެފައެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެމްޑީޕީން މީގެ ކުރިން ބޭއްވި ކޮންގްރެސްތަކާ ބަލާއިރު، މި ފަހަރުގެ ކޮންގްރެސް އިން މާ ބޮޑަށް ވެސް ދެފުށް ފެންނާނެ އެވެ. އަދި ބާއްވާނީ ވެސް ގަވައިދާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިސްސަފުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވަޑައިނުގެންނެވުނު ކޮންގްރެސް އަށް. އެއީ އިޖުރާއަތުތައް އެ އޮންނަ ވަގުތަށް ފުރިހަމަ ނުކުރެވުނީމާ. އެހެންވީމާ އަޅުގަނޑު މޫނަކަށް، ކަނދުރާއަކަށް ބަލައިގެނެއް ނޫން އެ ކަން މި ކުރަނީކީ،" ފައްޔާޒު ވިދާޅުވި އެވެ.