ވަތްގަނޑެއް ހުޅުވަން އުޅެނިކޮށް ވެއްޓި ޑައިރެކްޓަރަކު މަރުވެއްޖެ
ވަތްގަނޑެއް ހުޅުވަން އުޅެނިކޮށް ވެއްޓި ޑައިރެކްޓަރަކު މަރުވެއްޖެ

މޭޒެއްގެ ވަތްގަނޑު ތާށިވެގެން އެ ހުޅުވަން ދަމާލި ވަގުތު އިދިފުށަށް ވެއްޓި އިންޑިއާގެ ޒުވާން ޑައިރެކްޓަރަކު މަރުވެއްޖެ އެވެ.

ވީރާ، ގަންގާ، އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން އަދި ތަމަންނާ ފަދަ ރީތި ޓީވީ ސިލްސިލާތަކުގެ ޑައިރެކްޓަރު ވަސީމް ސާބިރް މި އާދަޔާ ހިލާފް އެކްސިޑެންޓުގައި މަރުވީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

އުމުރުން 30 ގެ އަހަރުތައް ގުނަމުންދާ ވަސީމް މަރުވީ އޭނާގެ ގޭތެރޭގައި ހުރި މޭޒެއްގެ ވަތްގަނޑެއް ތާށިވުމުން އެ ވަތްގަނޑު ހުޅުވަން ދަމަނިކޮށް އިދިފުށަށް ވެއްޓި ތަޅުންގަނޑުގައި ބޯ ޖެހި ސިކުނޑިއަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އަހަރު ފެށުނު ދުވަހު މި އެކްސިޑެންޓް ހިނގުމާ އެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ މަރުވީ އެވެ.

ވަސީމާ އެކު އެކި ސިލްސިލާތަކުގައި މަސައްކަތްކުރި އެކްޓަރުން ދަނީ މި ކުއްލި މަރާ ގުޅިގެން ހިތާމަ ފާޅުކުރަމުންނެވެ.

"ތަމަންނާ"ގެ ޝޫޓިންގައި ވެސް އެކްސިޑެންޓެއް ހިނގައި ވަސީމަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ.