އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން އާޒިމް ހުށަހަޅުއްވައިފި
އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން އާޒިމް ހުށަހަޅުއްވައިފި

އެމްޑީޕީން މާދަމާ ފަށަން ތައްޔާރުވެފައިވާ އެ ޕާޓީގެ ކޮންގްރެސް ފަސްކޮށްދޭން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން އާޒިމް ހުށަހަޅުއްވައިފި
އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން އާޒިމް ހުށަހަޅުއްވައިފި

އޭނާ މިގޮތަށް ހުށަހެޅުއްވީ ކޮންގްރެސްއަށް ގޮފިތައް އުފައްދާފައިވާ ގޮތާ މެދު ތުހުމަތުތަކެއް ކުރައްވަ އެވެ. މި ތުހުމަތާ އެކު ކޮންގްރެސް ފަސްކޮށްދޭން އެދިވަޑައިގަތް އިރު، ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ހިމެނޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު އޮތީ އެޖެންޑާކޮށްފަ އެވެ.

އެމްޑީޕީގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ނަޝީދު ފަޅީގައި ހުންނެވި އާޒިމް، ކޮންގްރެސް ފަސްކުރަން މި ހުށަހެޅުއްވީ ބަރުލަމާނީ ނިޒާމަކަށް ދިއުމާ މެދު ޕާޓީގެ ލީޑަޝިޕްގައި ހިޔާލުތަފާތުވުން އުފެދިފައި ވަނިކޮށެވެ. ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ނަޝީދު ބޭނުންފުޅުވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިޒާމް ބަދަލުކުރުމާ ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ.

ބަރުލަމާނީއަށް އެމްޑީޕީގެ ކޮންގްރެސްގައި ރުހުން ހޯއްދަވަން ނަޝީދު ކުރައްވާ މަސައްކަތްޕުޅާ ދެކޮޅަށް ނުކުމެވަޑައިގެން ރައީސް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މި ހޫނުގަނޑުގެ ތެރޭގައި އާޒިމްގެ ތުހުމަތަކީ، ކޮންގްރެސްއަށް ހާއްސަކޮށް ގޮފިތައް ހަދައި މަންދޫބުން އައްޔަންކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަށް ފޮނުއްވި ސިޓީގައި އާޒިމް ވިދާޅުވީ ޕާޓީގެ އެންމެ އިސްގުނަންގެ ގޮތުގައި އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮންގްރެސްގައި ގޮފިތަކުގެ ރައީސުންނަށް ބައިވެރިވެ ވޯޓު ދިނުމުގެ ފުރުސަތު ދީފައި އޮންނަ ކަމަށެވެ. މި ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެނީ ގޮފި ގަވައިދުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލްތަކުގެ ތެރެއިން އިންތިހާބެއް ބޭއްވުމަށް ފަހު ކަމަށާއި ކޮންގްރެސްގައި ބައިވެރިވާ ގޮފީގެ ރައީސާއި ނައިބު ރައީސް ވާން ޖެހޭނީ އެ އުސޫލުން އިންތިހާބުވެފައިވާ ފަރާތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުން އިންތިހާބުކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށެވެ.

"އަދި ގޮފިތަކުން ކޮންގްރެސްގައި ތަމްސީލްކުރާ ފަރާތްތަކުގެ މައުލޫމާތު މިވަގުތާ ހަމައަށް ވެސް ހިއްސާކޮށްފައި ނުވާތީވެ އެ ފަރާތްތައް ކުރިއަށް މިއޮތް ކޮންގްރެސްގައި ބައިވެރިވެއްޖެ ނަމަ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދުމަށް ޖާގަ ދެވިގެންވާނެ ކަމެއް ކަމަށް ދެކެމެވެ،" ސިޓީގައިވެ އެވެ.

އޭނާ އެދިވަޑައިގަތީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސުވާލަށް ޖަވާބެއް ހޯދާފައި ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށެވެ.

ސޯޝަލް ސެންޓަރުގައި ބާއްވާ ކޮންގްރެސްގައި 1،200 މަންދޫބުން ބައިވެރިވެ އެވެ. ކޮންގްރެސްގައި އެކުލެވިގެން ވަނީ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އާއި ކެބިނެޓުގައި ތިއްބެވި އެމްޑީޕީގެ ވަޒީރުންނާއި ޕާޓީގެ ލީޑަޝިޕާއި ގައުމީ މަޖިލީހުގެ މެމްބަރުންނާއި ދާއިރާތަކުގެ ނައިބު ރައީސުންނާއި ގޮފިތަކުގެ ނައިބު ރައީސުންނާއި ޒުވާނުންގެ ހިތްވަރާއި އަންހެނުންގެ ރޫހް ހިމެނޭ ގޮތުންނެވެ.

ކޮންގްރެސްގައި ހުށަހަޅާ ގަރާރުތައް ވޯޓު ދިނުމުގެ ހައްގު މި ހުރިހާ އެންމެންނަށް ލިބިގެންވެ އެވެ.