"ޑާލިންގް" ގައި ހަމްޒާގެ ރޯލު ޝާހު ބޭނުންވި
"ޑާލިންގް" ގައި ހަމްޒާގެ ރޯލު ޝާހު ބޭނުންވި

މިފަހުން "ނެޓްފްލިކްސް" ގައި ސްޓްރީމްކުރި "ޑާލިންގް" ގައި ހަމްޒާގެ ރޯލު ކުޅެން ޝާހުރުކް ޚާނު ބޭނުންވި ކަމަށް އެ ރޯލުން ފެނުނު ވިޖޭ ވަރްމާ ބުނެފި އެވެ.

އާލިއާ ބަޓާއި ޝެފާލީ ޝާހް ލީޑު ރޯލު ކުޅޭ ފިލްމު "ޑާލިންގް" އަކީ ޑާކް ކޮމެޑީއެކެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ބަދަލު ހިފުމަށް އާލިއާ ކުރާ ކަންތައްތަކެއް އެ ފިލްމުން ފެނެ އެވެ.

އާލިއާގެ ފިރިމީހާގެ ރޯލުން ހަމްޒާ ފެންނައިރު އެ ރޯލު ކުޅުމުގެ ޝައުގުވެރިކަން ޝާހު ފާޅުކުރި އެވެ.

އެކަމަކު ޝާހު އާއި އޭނާގެ އަނބިމީހާގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރި އެ ފިލްމުގައި އެ ރޯލުން ޝާހު ނުފެނުނު ސަބަބެއް ނޭނގެ އެވެ. އެކަމަކު ފިލްމީ ގިނަ މަސައްކަތްތަކެއް ޝާހުގެ އެބަ ހުއްޓެވެ. ބެލެވޭ ގޮތުގައި ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރަމުންދާތީ ބިޒީވެގެން އެ ޕްރޮޖެކްޓާ އޭނާ ހަވާލުނުވީ އެވެ.

ޝާހު އެ ރޯލުން ނުފެނުނު ނަމަވެސް ހަމްޒާގެ ރޯލު، ވިޖޭ ކުޅެފައިވާ ގޮތް ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފައިވެ އެވެ. އޭނާއަށް ޝާހު ވެސް ތައުރީފްކޮށްފައިިވެ އެވެ.

އެ ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށީ އޮގަސްޓް 5 ގަ އެވެ.