19 އޯގަސްޓް 2022 - 06:41

"ބިިގް ބޮސް" އިން ވިދާލި ތަރި، ޝެހެނާޒް ގިލް އާއި ނެށުންތެރިޔާ ރާގަވް ޖުޔަލްގެ މެދުގައި ގުޅުމެއް އޮތް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަމާ ނުރުހުންވެ ޝެހެނާޒް ރައްދުދީފި އެވެ.
"ބިގް ބޮސް" ގައި ޝެހެނާޒް އާއި ޓީވީ ތަރި، ސިދާތު ޝުކްލާގެ ގުޅުން ވަރަށް ފާހަގަވި އެވެ. ޝޯއަށް ފަހު ވެސް އެމީހުން ވަރަށް ލޯބިން އުޅެމުންދަނިކޮށް ކުއްލި ގޮތަކަށް ސިދާތު މަރުވެ، ޝެނެހާޒް ވަނީ ސޯޝަލް މީޑިއާއާ ވެސް ދުރަށް ޖެހިލައިފަ އެވެ.
އެކަމަކު ގިނަ ދުވަސްތަކެއް ފަހުން އެނބުރި މަސައްކަތަށް ނުކުމެ، އޭނާ މިވަގުތު މަސައްކަތްކުރަމުން އަންނަނީ އޭނާގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގަ އެވެ. އެ ފިލްމުގައި ޝެހެނާޒާ އެކު ފެނިގެންދާ ރާގަވްއާ އެކު އޭނާ ޗުއްޓީއެއް ހޭދަކުރި ކަމަށް ބުނެ އެމީހުންގެ މެދުގައި ގުޅުމެއް އޮންނަ ކަމަށް ރިޕޯޓްކުރެ އެވެ.
އެކަމަށް ރައްދުދެމުން ޝެހެނާޒް ބުނީ ދެމީހަކު އެކުގައި ބޭރަށް ދިއުމަކީ "ޑޭޓް" ކުރުން ނޫން ކަމަށެވެ. އަދި މީޑިއާ އިން ދޮގު ހަދާ ސަބަބު ނޭނގޭ ކަމަށާއި އެކަހަލަ ހަބަރުތަކާ ގުޅިގެން މީހާ ރުޅިގަދަވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ސަލްމާން ޚާނުގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގައި ޝެހެނާޒް މަސައްކަތްކުރަމުން އަންނައިރު އަންނަ އަހަރު އެ ފިލްމު ރިލީޒްކުރާނެ އެވެ.