04 ޖެނުއަރީ 2017 - 11:28

މިދިޔަ ފަސް ވަރަކަށް އަހަރު ވިކްޓަރީން ނުފެންވަރުގެ ޓީމެއް އަންނަ ސީޒަނަށް ނެރެ ވިކްޓަރީ ހައްގު މަގާމަށް ގެންދާނެ ކަމުގެ ޔަގީންކަން ކްލަބުގެ އާ ޗެއާޕާސަން އިބްރާހިމް ނަޒީމް ދެއްވައިފި އެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ ކްލަބާ ހަވާލުވެވަޑައިގެންނެވި ކުރީގެ ބޯޑް މެމްބަރު ނަޒީމް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ޗެއާޕާސަން އިސްތިއުފާ ދެއްވައި އަދި ފަހުން ބޭއްވި އިންތިހާބު ކެންސަލްވެ މިދިޔަ ދުވަސްތަކުގައި ވިކްޓަރީ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި އެކަމަކު އެކަން ބަދަލުވުމުގެ ވަގުތު ޖެހިއްޖެ ކަމަށެވެ.
"އާ ސީޒަނަށް ތައްޔާރުވުމުގެ މަރުހަލާ ފެށިގެން އަންނައިރު ނޫސްތަކުން ފެންނަނީ އެހެނިހެން ކްލަބްތަކުން ތައްޔާރުވަމުން އަންނަ ވާހަކަ. ކްލަބުގެ އަޑެއް ނީވޭތީ ކްލަބަށް ސަޕޯޓްކުރާ ފަރާތްތަކުން އަދި ހެޔޮއެދޭ ފަރާތްތަކުން ކަންބޮޑުވެފައިވާކަން އަޅުގަނޑުމެންނަށް އެނގޭ. އެކަމަކު ކްލަބުގެ ބޯޑުގެ އެންމެން ގުޅިގެން މިދިޔަ ދުވަސްތަކުގައި ކުރި މަސައްކަތުން، 2017 ވަނަ އަހަރަކީ ސަޕޯޓަރުން އުފާވާނެ ހިތްހަމަޖެހޭ ސީޒަނަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރަން،" ނަޒީމް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފެންވަރު ރަނގަޅު ކުޅުންތެރިންތަކަކާ އެކު ގާތްގަނޑަކަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި ހުރިހާ ކުޅުންތެރިން ސޮއިކޮށް ކުޅުންތެރިންގެ ނަންތައް މީޑިއާގައި ތައާރަފްކުރަން ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ.
"ފާއިތުވި ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ނުފެންވަރުގެ ވަރުގަދަ ސްކޮޑެއް ފެނިގެންދާނެ. އެކަމަކުގެ ޔަގީންކަން ކްލަބުގެ ސަޕޯޓަރުންނަށް އަރުވަން. ރާއްޖޭގެ ނަން މަޝްހޫރު ވަރަށް ގިނަ ކުޅުންތެރިންތަކެއް ވަނީ ވިކްޓަރީއަށް ކުޅެން އެއްބަސްވެފައި. ރާއްޖޭން ބޭރުން ގެންނަ ކުޅުންތެރިންނަކީ ވެސް ރާއްޖޭގައި ރަނގަޅު ޕާފޯމަންސް ދައްކާފައި ތިބި ކުޅުންތެރިން،" ނަޒީމް ވިދާޅުވި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ އިސް މަގާމްތަކެއް ކުރިން ފުރުއްވި ނަޒީމް ވިދާޅުވީ ވިކްޓަރީ އަކީ ރައްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މާޒީގައި ބޮޑެތި ކާމިޔާތަކެއް ހޯދާފައިވާ ކްލަބަކަށްވީ ނަމަވެސް އެ ކްލަބުގެ ކާމިޔާބު ދުވަސްތައް މިހާރު މާޒީވެފައިވާ ކަމަށެވެ.
"ފަހުގެ ތާރީހެއްގައި ކާމިޔާބެއް ނުހޯދި މިވަނީ. އަޅުގަނޑު މިމަގާމާ ހަވާލުވީ ވަރަށް ފޮނި އުއްމީދުތަކާ އެކު. ކްލަބުގެ އެގްޒެކެޓިވް ބޯޑާއި ސަޕޯޓަރުންނާ ގުޅިގެން ވިކްޓަރީ އަސްލު މަގާމަށް ގެންގޮސްދިނުން އަޅުގަނޑުގެ އަމާޒަކީ. މި ކްލަބުގެ ފުޓްބޯޅަ ޓީމު ވަރުގަދަވުމަކީ ސަޕޯޓަރުން ހިތްހަމަޖެހި، އަދި މިވަގުތު ދުރުގައި ތިއްބެވި ސަޕޯޓަރުން ވެސް އަލުން ކްލަބާ ގުޅޭނެ ކަމެއް،" ނަޒީމް ވިދާޅުވި އެވެ.
ބީޗް ވޮލީބޯޅަ އިންޓަނޭޝަނަލް ރެފްރީ ނަޒީމް ވިދާޅުވީ ވިކްޓަރީ އަސްލު މަގާމަށް ގެނައުމަށްޓަކައި ވަރަށް ގިނަ ބަދަލު ގެންނަން ޖެހޭ ކަމަށާއި އެގޮތުން ކްލަބުގެ ހިންގުމަށް ބަދަލު ގެނެސް ކްލަބަށް އާމްދަނީ ލިބޭނެ ގޮތްތޮތާއި އިތުރު ސްޕޮންސަރުން ލިބޭނެ ގޮތް ހޯދަން ޖެހޭ ކަމަށެވެ.
"ބޯޑް ދިޔަޔަސް ކްލަބް ދެމެހެއްޓެނެވި ގޮތެއްގައި ހިންގޭނެ ގޮތްތައް ހޯދަން ޖެހޭ. ކްލަބަށް ފައިސާ ލިބޭނެ މަގު ތަނަވަސްކުރަން ޖެހޭ. ކްލަބާ ގުޅޭނެ ސްޕޮންސަރުން ހޯދަން ޖެހޭ. ކްލަބުގެ ސްޓްރެޖިކް ޕްލޭނަކާއި ބިޒްނަސް ޕްލޭނެއް އަޅުގަނޑުމެން ހަދާނަން،" ނަޒީމް ވިދާޅުވި އެވެ.
ނަޒީމް ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ އެކު އަންނަ ސީޒަނުގައި ވިކްޓަރީން ތަށްޓެއް އުފުފާލާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށާއި ސަޕޯޓަރުންނަށް އަންނަ ސީޒަނަކީ ވަރަށް އުފާވެރި ސީޒަނަކަށް ވެގެންދާނެ ކަމަށެވެ.
"އެއީ ހަގީގަތަކަށްވާނެ ކަމެއްކަން އެނގިގެންދާނެ އަޅުގަނޑުމެން ޓީމަށް ސޮއިކުރާ ކުޅުންތެރިން ތައާރަފްކުރުމުން،" ނަޒީމް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް 2012 ގެ ފަހުން އަޑިއަޅާލާފައިވާއިރު މިދިޔަ އަހަރުގެ ކުރީކޮޅު ހަވާލުވި މެނޭޖްމަންޓާ އެކު އެދެވޭ ބަދަލުތަކެއް އަންނަނީ ފެންނަމުންނެވެ. އެކަމަކު މިދިޔަ ސީޒަނުގައި އެ ޓީމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަޔަކުން ފުރުސަތު ނުލިބުމުން، ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރަން ޕްލޭއޮފް ވަނީ ކުޅެން ޖެހިފަ އެވެ.
ވިކްޓަރީ އަލުން ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާއިރު ވާދަވެރި ނިއު ރޭޑިއަންޓާ ވެސް އާ ބޯޑަކުން ހަވާލުވާން ހުރިހާ ކަމެއް ނިމި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ވަނީ ހޯދައިފަ އެވެ.