18 އޯގަސްޓް 2022 - 12:52

މި ގައުމު ހަމަ މަގަށް އެޅުވުމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ލީޑަރަކަށް ރައްޔިތުން ނޭދޭކަން ކާނިވަލުގައި މާދަމާ ރޭ ބާއްވާ "ހަވާލޭ ވަތަން" ޖަލްސާއިން ފެންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސަވައި މާދަމާ ރޭ އެމަނިކުފާނާ ރިޔާސީ ޓިކެޓް ހަވާލުކުރާނެ އެވެ.
އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސިޔާސީ އެންމެ މުހިއްމު ހަރަކާތުގައި ބައިވެރިވާން ގިނަ ބަޔަކު ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށެވެ. ކާނިވާ ފުރާލައި ފެންނަ މަންޒަރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މި ގައުމުގެ ރައްޔިތުން ތިބި ގޮތް ހާމަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގައި ތިބި ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންގެ އިތުރުން ރަށްރަށުން ވެސް ޖަލްސާގައި ބައިވެރިވާނެ އެވެ. އެ ފުރުސަތު ދެނީ ޔާމީނަށް ޓިކެޓް ހަވާލުކުރުމުގައި ގިނަ ބަޔަކު ބައިވެރިވާން އެދެމުން އަންނާތީ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ޕާޓީން މިހާތަނަށް ބާއްވާ އެންމެ ބިޔަ އެއް ޖަލްސާއަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
ޔާމީނަށް ޓިކެޓް ދިނުމުގެ ޖަލްސާގެ ޝިއާރަކަށް "ހަވާލޭ ވަތަން" ހަމަޖެއްސީ، އަދުރޭ ވިދާޅުވި ގޮތުގައި، ގައުމާއި ދީނާއި ރައްޔިތުންގެ ހެވަށްޓަކައި ހުރި ލީޑަރެއް އެމަނިކުފާނު ނޫނީ މި ގައުމުގައި ނެތުމުންނެވެ. އެހެން ލީޑަރުންގެ ކިބައިން ފެނިފައި ވަނީ އަމިއްލަ އެދުން އިސްކުރެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަމިއްލަ ވަތަނަށް ބާރުވެރިކަން ގެއްލި އެހެން ބައެއްގެ ނުފޫޒު ގަދަވެ ނިކަމެތި ހާލަތެއްގައި އަޅުގަނޑުމެން މިއަދު މިތިބީ. މިނިވަންކަމެއް، ދާހިލީ މިނިވަންކަމެއް ނެތް. އިގްތިސާދީ ޕްރޮޖެކްޓެއް ވިޔަސް ސިޔާސަތު ބައްޓަންވެފައި އޮތީ އެހެން ގައުމަކުން ބުނާ ގޮތަށް ބަޓަނަށް އޮބާލާ ގޮތަށް. ދީނަށް ފުރައްސާރަކުރުމާއި ފާހިޝްއަމަލުތައް އާއްމުވެ، ހުއްޓުވަން އެޅުނު ފިޔަވަޅެއް ނެތް،" އަދުރޭ ވިދާޅުވި އެވެ.
"މިކަންކަމާ ދެކޮޅަށް ރައީސް ޔާމީން ނޫނީ ބަސްވިދާޅުވާ ބޭފުޅެއް ނެތް. އެންމެން ތިބީ ހަނު. އެހެންވީމަ ވަތަން ހަވާލުކުރަން އެމަނިކުފާނަށް ވުރެން އައުލާކަން ބޮޑު ލީޑަރެއް މި ގައުމުގައި ނެތީ."
އޭނާ ވިދާޅުވި ގޮތުގައި ޓިކެޓް ހަވާލުކުރުމަށް ފަހު ދެން އޮންނާނީ ޕާޓީގައި ކުރިއަށް ހުރި އިންތިހާބުތައް ނިންމައި ރިޔާސީ އިންތިހާބަށް ތައްޔާރުވުމެވެ. އިންތިހާބަށް ޔޫތު މެނިފެސްޓޯ އާއި މަސްވެރިންގެ ހާލަތު ރަނގަޅުކުރާނެ ސިޔާސަތުތައް އެކުލަވާލަމުން އަންނަ ކަން އަދުރޭ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ޕާޓީން ރިޔާސީ އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފަށާނީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ހުޅުވާލުމުން ކަމަށެވެ.
އަދުރޭ މިއަދު ވެސް ތުހުމަތުކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައި ޔާމީންގެ މައްޗަށް ދައުވާތަކެއް އުފުލަނީ އެކަންކަމާ ދެކޮޅަށް އެމަނިކުފާނު ކުރައްވާ މަސައްކަތް ހުއްޓުވުމަށެވެ. ގޮންޖެހުންތަކާ އެކު ރައްޔިތުންނަށް ތަރައްގީ އާއި ކުރިއެރުން ހޯއްދަވައި ދެއްވި ލީޑަރަކީ އެއީ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނު ދެމިހުންނަވާނީ އެގޮތުގައި ކަމަށް ވިދާޅުވި އެވެ.