18 އޯގަސްޓް 2022 - 09:23

މެންޗެސްޓާ (އޯގަސްޓް 18) - ކުރިން ޗެލްސީ ގަންނަން މަސައްކަތް ކުރި އިނގިރޭސި އެންމެ މުއްސަދި މަހުޖަނު، ޖިމް ރެޓްކްލިފް މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ޝައުގުވެރިކަން ފާޅު ކޮށްފި އެވެ.
ކެމިކަލް ހަކަތައިގެ ވިޔާފަރީ ކުރާ ރެޓްކްލިފް ވަނީ ޗެލްސީ ގަންނަން ކުރިން ހުށަހަޅައިފަ އެވެ. އެކަމަކު ޗެލްސީގެ އޭރުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗްގެ ފަރާތުން އެ ހުށަހެޅުމަށް އިޖާބައެއް ނުދިނެވެ.
"ކްލަބް [ޔުނައިޓެޑް] ވިއްކަން ތައްޔާރަށް އޮތް ނަމަ ޖިމް [ރެޓްކްލިފް] އަކީ ކްލަބް ގަންނަން އެންމެ ޝައުގުވެރިވާ އެކަކު،" ރެޓްކްލިފްގެ ތަރުޖަމާން ދަ ޓައިމްސް ނޫހަށް ބުންޏެވެ.
"ކްލަބް ވިއްކުމުގެ ފުރުސަތު އޮތް ނަމަ އަހަރެމެން ބޭނުން ދިގު މުއްދަތަކަށް މިލުކުވެރިކަން ހޯދަން."
ޔުނައިޓެޑްގެ މިހާރުގެ އޯނަރު މެލްކޮމް ގްލޭޒާ އަށް މިދުވަސް ވަރަކީ ޕްރެޝާ ބޮޑު ވަގުތެކެވެ. އާ ކޯޗު އެރިކް ޓެން ހާގް އާއެކު އާ ސީޒަނަށް ނުކުމެ ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ.
ގްލޭޒާގެ އާއިލީ ކުންފުނިން ޔުނައިޓެޑް ގަތީ 2005 ވަނަ އަހަރު އެވެ. އޭނާ ކްލަބް ގަތީ އޭރު އޮތް ކްލަބްގެ ދަރަނި ވެސް ދައްކާ ގޮތަށެވެ. އޭގެ ފަހުން 17 އަހަރުވީއިރު ވެސް ޔުނައިޓެޑްގައި ބޮޑު ދަރަންޏެއް އެބައޮތެވެ. މިހާރު އެ ކްލަބްގައި 500 މިލިއަން ޑޮލަރުގެ ދަރަނި އެބައޮތެވެ.
ރެޓްކްލިފްގެ ތަރުޖަމާން ބުނި ގޮތުގައި ކްލަބްގެ މައްސަލަތައް ގުޅިފައި އޮތީ ފައިސާ އާ ނޫން ކަމަށެވެ. އޭނާ ބުނީ މެންޗެސްޓާ އަށް ނިސްބަތްވާ ކްލަބަކީ އެ ސިޓީ އަށް މުހިންމު ކްލަބެއްގެ ގޮތުގައި ރެޓްކްލިފް ދެކޭ ކަމަށެވެ.
"މިއީ އާ ފެށުމަކުން ފަށަން އެންމެ ރަނގަޅު ވަގުތު ކަމަށް ރެޓްކްލިފް ގަބޫލު ކުރޭ،" ސްޕޯކްޕާސަން ބުންޏެވެ.
ކެމިކަލް ޕާވާ ހައުސްގެ ވިޔާފާރި އަށް ހާއްސަ އިނިއޯސް ކުންފުނީގެ އޯނަރަކީ ފްރާންސްގެ ނީސްގެ ވެސް ވެރިޔާ އެވެ.