ރެސިން ފީފާއެއް ގޮވައި މީހަކު ފިހިއްޖެ
ރެސިން ފީފާއެއް ގޮވައި މީހަކު ފިހިއްޖެ

ހއ. ހޯރަފުށީގައި ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ރެސިން ފީފާއެއް ގޮވައި، މީހަކު ފިހިއްޖެ އެވެ.

ހޯރަފުށީ ކައުންސިލްގެ ނައިބް ރައީސް، އަހުމަދު އިމްދާހް، "މިހާރު" އަށް ވިދާޅުވި ގޮތުގައި އިރުއޮއްސުނުހާއިރު ހިނގި އެ ހާދިސާގައި އެ މީހާގެ މޫނާއި ބުރަކައްޓާއި އަތާއި ފައިގެ އެކި ތަންތަން ވަނީ ފިހިފަ އެވެ.

އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 8:40 ހާއިރު 61 އަހަރުގެ ފިރިހެނަކު ފިހިގެން ގެންގޮސްފައިވާ ކަމަށެވެ.

އޭނާ އަށް ފަރުވާދެމުން އަންނައިރު އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފިހުނު މީހާގެ ހަށިގަނޑު 12-15 ޕަސެންޓް ފިހިފައިވާއިރު މިހާރު އޮތީ އޮބްޒަވޭޝަނުގަ އެވެ.