17 އޯގަސްޓް 2022 - 21:51

މާލޭގެ މަގުމަތިން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ މަންމަ ބަލިވެ އުޅޭތީ އާއި ވަޒީފާ ގެއްލިދާނެތީ ބަންދުކޮށްފައި ނުބެހެއްޓުމަށް އެދެފި އެވެ.
މީގެ ދެ ދުވަހެއް ކުރިން ފަށް ފޭރުނު މައްސަލާގައި ހައްޔަރުކުރި މުހައްމަދު އަލްތާފް، 31، މިގޮތަށް ކޯޓުގައި އެދުނަސް މިއަދު ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
ފަށް ފޭރުނު މަންޒަރު ފެންނަ ވީޑިއޯ އާންމުވުމާ އެކު ހައްޔަރުކުރި އަލްތާފަކީ ފޭރުނު ދެ މީހުން ތިބި ސައިކަލް ދުއްވަން އިން މީހާ އެވެ. ކަރުގައި އޮއްވައި ފަށް ދަމައިގަނެ ފޭރިގަތީ ސައިކަލް ފަހަތުގައި އިން މީހާ އެވެ. އޭނާ އަދި ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
އަލްތާފް އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ދިނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމުން ކަމަށް ބަންދު އަމުރުގައިވެ އެވެ.
އޭނާ ކޯޓުގައި ބުނެފައި ވަނީ ފުލުހުންނަށް އެއްބާރުލުން ދީފައިވާ ކަމަށާއި ވަގަށް ނެގި ފަށް ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ފަށް ހޯދީ ރަން ހަދާ ތަނަކަށް ވިއްކާލާފައި އޮއްވައި ކަމަށް ވާއިރު އަލްތާފް ބުނެފައިވަނީ ފަށް ވިއްކާލި ތަން ދެއްކީ ވެސް އޭނާ ކަމަށެވެ.
އަލްތާފް ބުނި ގޮތުގައި އޭނާ ބަންދުގައި ބަހައްޓައިފި ނަމަ ވަޒީފާ ގެއްލޭނެ އެވެ. އަދި މަންމައަކީ ބަލި މީހެއް ކަމަށް ބުންޏެވެ.
ފޭރުނީ އަލްތާފްގެ ބައިވެރިވުމެއް ނެތި ކަަމަށް އޭނާ ބުންޏަސް ފުލުހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކަށް ބަލާއިރު އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ޝަރީއަތަށް ބެލޭ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ. އަދި އޭނާއަކީ އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް އަމުރުގައިވެ އެވެ.
އާންމުވި ވީޑިއޯ އިން ފެންނަނީ އަންހެން މީހާއާ ސައިކަލް ކައިރިކޮށް، ސައިކަލުގެ ފަހަތުގައި އިން މީހާ، ފަށް ޖަހައިގަތުމުން ސައިކަލް ދުއްވާލާ ތަނެވެ. އޭރު އަންހެންމީހާ ހުރީ ހަދާނެ ގޮތެއް ނޭނގި ހުއްޓުންއަރައިފަ އެވެ.