18 އޯގަސްޓް 2022 - 06:49

އަނުރާގް ކަޝްޔަޕް ޑައިރެކްޓްކޮށް ނެރޭ ފިލްމު "ދުބާރާ" ގެ ދެވަނަ ޓްރެއިލާއެެއް ނެރެ، މީހުން ފިލްމަށް ހިތްޖެހޭވަރު ކުރުވައިފި އެވެ.
"ހަސީން ދިލްރުބާ" ގެ ތަރި ތާޕްސީ ޕަންނޫ ލީޑު ރޯލު ކުޅޭ އެ ފިލްމުގައި ފެންނަނީ ތާޕްސީގެ ހަޔާތުގައި ކުރިން ހިނގާ ކަންތައްގަނޑެއްގެ ސަބަބުން ދެން އޭނާއަށް ކުރިމަތިވާ އުނދަގޫތަކެކެވެ. އަދި ޕޮލިހުންގެ އެހީ ހޯދައިގެން އުޅޭ މަންޒަރު ވެސް ޓްރެއިލާ އިން ފެނެ އެވެ.
ގާތްގަނޑަކަށް ދޮޅު މިނެޓްގެ ވީޑިއޯގައި މައިގަނޑު ގޮތެއްގައި ތާޕްސީ އުޅެނީ އޭނާއަށް ވާގޮތްތައް ނޭނގިގެންނެވެ.
ފިލްމު ރިލީޒްކުރަން އެއް ދުވަހަށް ވެފައި އޮއްވައި އިއްޔެ އެ ފިލްމުގެ ދެވަނަ ޓީޒާ އާންމުކުރި އިރު މި ދުވަސްވަރަކީ ބޮލީވުޑް ފިލްމުތައް ބޮއިކޮޓްކުރުމަށް ވަރަށް ގަދައަށް ސޯޝަލް މީޑިއާގައި ގޮވަމުން އަންނަ ދުވަސްވަރެކެވެ. މިހާތަނަށް އެ ފިލްމާ ދެކޮޅަށް އެކަހަލަ ކެމްޕެއިނެއް ނުހިންގަ އެވެ.
މިއީ ތާޕްސީ، ޑައިރެކްޓަރު އަނުރާގާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އޭނާ ވަނީ 2018 ގައި "މަންމަރްޒިޔާން" ގައި މަަސައްކަތްކޮށްފަ އެވެ. އެ ފިލްމަކީ ތާޕްސީއާ އެކު އަބީޝޭކް ބައްޗަން އާއި ވިކީ ކޯޝަލް ފެންނަ ފިލްމެކެވެ.
އެ ފިލްމަކީ 2018 ގައި ރިލީޒްކުރި ސްޕެނިޝް ފިލްމެއް ކަމަށްވާ، "މިރާޖް" ގެ ހިންދީ ރިމޭކެކެވެ.