ސިދާތާއި ކިއާރާގެ ލޯބީގެ އިތުރު ފިލްމެއް
ސިދާތާއި ކިއާރާގެ ލޯބީގެ އިތުރު ފިލްމެއް

ކެޕްޓަން ވިކްރަމް ބަޓްރާގެ ހަޔާތަށް ބިނާކޮށް ނެރުނު ކާމިޔާބު ފިލްމު، "ޝޭރްޝާހް" ގައި މަސައްކަތްކުރި ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދްވާނީގެ ލޯބީގެ އިތުރު ފިލްމެއް އެބަ އޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކިއާރާ އާއި ސިދާތުގެ އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ޝޭރްޝާހް" އަކީ ވެސް އަސަރުގަދަ ލޯބީގެ ވާހަކައެއް ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމަށް ފަހު ދެ ތަރިން އުޅެނީ ރައްޓެހިވެެގެންނެވެ.

ގިނަ ބައެެއްގެ މަގްބޫލުކަން ލިބިފައިވާ މި ޖޯޑުގެ ކުރިއަށް އޮތް ލޯބީގެ ފިލްމުގެ ނަމަކީ "އާދަލް ބަދަލް" ކަމަށްވެ އެވެ. އެ ފިލްމުގައި ދެ ތަރިން ފެންނާނީ މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ގޮތަކަށް ކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައިވެ އެެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން އެގޮތަށް ރިޕޯޓްކުރިޔަސް މިހާތަނަށް އެ މަސައްކަތް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ސިދާތުގެ ކުރިއަށް އޮތް މަސައްކަތަކީ ރޯހިތު ޝެޓީގެ އެމަޒަން ޕްރައިމްގެ ވެބް ސީރީޒެއް ކަމަށްވާ "އިންޑިއަން ޕޮލިސް ފޯސް" އެވެ. މިއަހަރުގެ އެންމެ ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ 2" ގައި މަސައްކަތްކުރި ކިއާރާގެ ދެން އޮތް މަސައްކަތަކީ ރާމް ޗަރަންގެ ފިލްމެކެވެ.