ބިދޭސީ ދެ ފިރިހެނަކު ހާމަޔަށް ފެންނަ ގޮތަށް ބަދުއަހުލާގީ އަމަލު ހިންގަނިކޮށް ހައްޔަރުކޮށްފި
ބިދޭސީ ދެ ފިރިހެނަކު ހާމަޔަށް ފެންނަ ގޮތަށް ބަދުއަހުލާގީ އަމަލު ހިންގަނިކޮށް ހައްޔަރުކޮށްފި

ހުޅުމާލޭގެ ހިޔާ ފްލެޓްގެ ޓަވަރެއްގައި މީހުންނަށް ފެންނަ ގޮތަށް ހާމަޔަށް ތިބެ ބަދުއަހުލާގީ އަމަލު ހިންގި ބިދޭސީ ދެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން ހިޔާގެ 7 ވަނަ ޓަވަރުގެ 10 ވަނަ ފްލޯގައި ހުރި ފްލެޓަކުން ހައްޔަރުކުރީ ކުޑަދޮރުން ފެންނަ ގޮތަށް ތިބެ ބަދުއަހުލާގީ އަމަލު ހިންގަނިކޮށް އެކަން ފުލުހުންނަށް އެންގުމުންނެވެ. އެ މަންޒަރު ފެނުނު މީހަކު ވަނީ ވީޑިއޯކޮށް ފޭސްބުކްގައި ލައިވް ވެސް ކޮށްފަ އެވެ.

ފުލުހުން ބުނީ ދެ ފިރިހެނުން ގައިގޯޅިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެޓެންޑުވެ އެ މައްސަލާގައި ހިމެނޭ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށެވެ. އެއީ ބިދޭސީ ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ބެލެވޭ ގޮތުގައި އެ ބިދޭސީންނަކީ އެ ފްލެޓްގައި ނުނިމި ހުރި ބައެއް މަސައްކަތްކުރަން ގޮސް އުޅުނު ބައެކެވެ.

ފުލުހުން އަންނަނީ ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން ބަންގްލާދޭޝްގެ ފިރިހެނަކާ އެކު އެއްޖިންސުން ގުޅުން ހިންގި ބޮޑު މައްސަލައެއް ވެސް ތަހުގީގުކުރަމުންނެވެ. އެ މައްސަލާގައި އެތައް ބަޔަކު ހިމެނޭއިރު ބައެއް މީހުންގެ މައްޗަށް ދައުވާކުރަން ވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.