17 އޯގަސްޓް 2022 - 20:18

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އުތުރު ކޮރެއާއަށް ކަނޑައަޅާ މަންދޫބުގެ މަގާމަށް ރާއްޖޭހެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ހަމަޖައްސަވައިފި އެވެ.
މިމަހުގެ ތިން ވަނަ ދުވަހު އުތުރު ކޮރެއާގެ މަންދޫބުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޑރ. ޖަމްޝީދު ހުންނެވީ ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ ޑެޕިއުޓީގެ މަގާމުގަ އެވެ.
ޑރ. ޖަމްޝީދަކީ ޕަބްލިކް ހެލްތުގެ ދާއިރާގައި 16 ވަރަކަށް އަހަރު މަސައްކަތްކުރެއްވި ބޭފުޅެކެވެ. ޖަމްޝީދު، ދެކުނު އިރުމަތީ އޭޝިއާގެ ރީނަޖަލް އޮފީހާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރު މެޑިކަލް އޮފިސަރެއްގެ ގޮތުގަ އެވެ. އަދި 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އޭނާ ވަނީ ރީނަޖަލް އެޑްވައިޒަރުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ޖަމްޝީދުގެ ލީޑާޝިޕްގެ ދަށުން އެ ސަރަހައްދުގައި ވަނީ ބަލިތައް ކޮންޓްރޯލްކުރުމުގައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި މެމްބަރު ހަ ގައުމަކުން "ނެގްލެކްޓެޑް ޓްރޮޕިކަލް ޑިޒީސަސް" ނައްތާލެވިފައިވާކަން ޑަބްލިއުއެޗްއޯ އިން ފާހަގަކުރެ އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ރީޖަނަލް އެޑްވައިޒަރުގެ ގޮތުގައި ޖަމްޝީދު މަަސައްކަތް ކުރައްވަމުން ގެންދަވިއިރު ވަގުތީ ގޮތުން 2019 ގައި އުތުރު ކޮރެއާގެ މަންދޫބުކަން ކުރެއްވި ކަމަށެވެ. އެހެންވެ، ޖަމްޝީދަކީ އެގައުމަށް ފަރިތަ ބޭފުޅެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އެ ޖަމިއްޔާއާ ގުޅިވަޑައިގަތުމުގެ ކުރިން ޑރ. ޖަމްޝީދު ވަނީ 2012-2013 އަށް ރާއްޖޭގެ ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވައިފަ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާގައި ޓެކްނިކަލް އަދި ޕޮލިސީ ލެވެލްގައި ވެސް މަސައްކަތްކުރެއްވި ޖަމްޝީދު، މެޑިކަލް ޑިގްރީ ހާސިލުކުރެއްވީ އިންޑިއާގެ އިންދިރާ ގާންދީ މެޑިކަލް ކޮލެޖުންނެވެ. އޭގެ ފަހުން ލަންޑަނުގެ ސްކޫލު އޮފް ހައިޖިން އެންޑް ޓްރޮޕިކަލް މެޑިސިން އިން ވަނީ ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިފަ އެވެ.