08 ޖޫން 2016 - 07:23

މީގެ 30 އަހަރު ކުރިން ބެލުންތެރިންނާ ހަމައަށް އައި ސައިންސް ފިކްޝަން ފިލްމް "ބްލޭޑް ރަނާ" ގެ ސީކްއެލްގެ ބަތަލާއަކަށް ޒުވާން ތަރި މެކެންޒީ ޑާވިސް ހަމަޖައްސައިފި އެވެ.

މެކެންޒީ އަކީ "ދަ މާޝަން" އާއި "ހޯލްޓް އެެންޑް ކެޗް ފަޔާ" ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ އެވެ.

އެލްކޮން އެންޓަޓައިންމަންޓުން ޕްރޮޑިއުސް ކުރާ "ބްލޭޑް ރަނާ 2" ގެ ބަތަލާއަކަށް، މެކެންޒީ، 29، ގެންނަން ނިންމި އިރު، އޮރިޖިނަލް ފިލްމުގެ ތަރިންގެ ތެރެއިން ހެރިސަން ފޯޑާ އާ އެކު ރިއަން ގޮސްލިން ވެސް ފެނިގެން ދާނެ އެވެ.
"ސިސާރިއޯ" ގެ ޑައިރެކްޓަރު ޑެނިސް ވިލެނޯޑް ޑައިރެކްޓް ކުރާ ސީކްއެލްގެ އިތުރު ތަރިންގެ ތެރޭގައި ޑޭވް ބަޓިސްޓާ، ކާލާ ޖޫރީ، ރޮބިން ވްރައިޓް ހިމެނެ އެވެ.
"ބްލޭޑް ރަނާ 2" ގައި މި ފަހަރު ވެސް ފޯޑް، 73، ފެނިގެން ދާނީ ޕްރިކްއެލްގައި އޭނާ ފެނިގެން ދިޔަ ރިކް ޑެކާޑްގެ ކެރެކްޓާއިންނެެވެ.
ފިލްމުގެ ސްކްރީންޕްލޭ މިހާރު ނިންމާލައިފައިވާ އިރު، މީގެ ވާހަކަ އަދި ވަނީ ވަރަށް ބޮޑަށް ސިއްރުކޮށްފަ އެެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޕްރިކްއެލްގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި ހޭމްޕްޓަން ފެންޗާ އާއި މައިކަލް ގްރީން އެވެ.
"ބްލޭޑް ރަނާ 2" ގެ ޝޫޓިން އަންނަ މަހު ފަށަން މިހާރު ވަނީ ތާވަލް ވެސްކޮށްފަ އެވެ.
ފިލްމް ޑިސްޓްރިއުޓް ކުރުމުގެ ޒިންމާއާ ހަވާލުވެފައި ވަނީ ވާނާ ބްރަދާސް އާއި ސޮނީ ޕިކްޗާސް އިންނެވެ. ފިކްމް ސިމަނާތަކަށް އަންނާނީ އޮކްޓޯބަރު 6، 2017 ގަ އެވެ.
ރިޑްލީ ސްކޮޓް ޑައިރެކްޓް ކުރި "ބްލޭޑް ރަނާ" ސިނަމާތަކަށް އައީ ޖޫން 25، 1982 ގަ އެވެ.