17 އޯގަސްޓް 2022 - 18:00

ހުޅުމާލޭގެ އަތިރިމަތިން ނުރައްކާތެރި ބާވަތެއްގެ ޖެލީ ފިޝްތަކެއް ފެނިފައިވާތީ އަތިރިމައްޗާއި މޫދަށްދާ މީހުން އެކަމަށް ސަމާލުވުމަށް އެޗްޑީސީން އެދިއްޖެ އެވެ.
ހުޅުމާލޭގެ އަތިރިމަތިން ގިނަ އަދަދަކަށް ފެންނަމުންދަނީ "ބްލޫ ބޮޓަލް" ނަމަކަށް ކިޔާ ބާވަތެއްގެ ޖެލީފިޝްތަކެކެވެ.
އެ ބާވަތުގެ ޖެލީ ފިޝްއަކީ އެހާ ވިހަގަދަ އެއްޗެއް ނޫނެވެ. އެކަމަކު އޭގެ ގައިގައި ޖެހިއްޖެ ނަަމަ، އެތަނެއް ވަރަށް ބޮޑަށް ކަހާ ރަތްވެ އެވެ. އަދި އެ ޖެހޭ ހިސާބެއްގައި ރިއްސަ އެވެ.
ހުޅުމާލޭގެ ފޭސް ދޭއްގެ ގޮނޑުދޮށުން މި ބާވަތުގެ ޖެލީ ފިޝް ގިނަ އަދަދަކަށް ފެންނަމުންދާއިރު ފޭސް އެކެއްގެ މޫދާ ގޮނޑުދޮށުން ވެސް މި ޖެލީފިޝްތައް ފެންނަމުން އެބަދެ އެވެ.
އެހެންވެ އެޗްޑީސީން ކުރި ޓްވީޓެއްގައި ވަނީ މޫދަށް ގޮސް އުޅޭ މީހުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުމާލޭ ރެދަނުން ދިއްލުނު ދުވަސްކޮޅު ވެސް ހުޅުމާލޭ މޫދުން ޖެލީ ފިޝް ފެނިފައިވެ އެވެ. އެފަހަރު ފެނުނީ ބްލޫ ބަޓަން ކިޔާ ޖެލީ ފިޝް އެވެ.