ނިލަންދޫ: ޑޮކްޓަރުން އުފެއްދުމުގެ ނަމޫނާ ރަށެއް
ނިލަންދޫ: ޑޮކްޓަރުން އުފެއްދުމުގެ ނަމޫނާ ރަށެއް

ރާއްޖޭގެ އެވްރެޖް އާބާދީއެކެވެ. އެކަމަކު، ފ. ނިލަންދޫގެ އެންމެ ހާއްސަ އެއް ކަމަކީ ތައުލީމީ އަދި ގާބިލް ޒުވާނުންތަކެއް ނެރުމެވެ.

އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަރީފް ވިދާޅުވި ގޮތުގައި 2،307 މީހުން ދިރިއުޅޭ ނިލަންދުއަކީ އަބަދު ވެސް ތައުލީމަށް ލޯބިކުރާ ރަށެއް ކަމަށެވެ. އޭގެ ނަތީޖާއަކީ، އެކި ރޮނގުރޮނގުން މަތީ ތައުލީމް ހާސިލްކޮށްގެން އެކި މަގާމުތައް އަދާކުރާ މީހުން ތިބުމެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ފިރިހެން ނަރުސް، އަހުމަދު އަލީއަކީ ވެސް ނިލަންދުން ތައުލީމުގެ ބިންގާ އަޅައިގެން ހުވަފެންތައް ހަގީގަތަކަށް ހެދި މީހެކެވެ. އޭނާ މިހާރު އަންނަނީ މެލޭޝިޔާގައި ނަރުސްކަމުގެ ދާއިރާއިން ޕީއެޗްޑީ ހަދަމުންނެވެ. އޭނާގެ އިތުރުން މަރިޔަމް އަހުމަދު ވެސް އަންނަނީ ނާސިން އިން ޕީއެޗްޑީ ހަދަމުންނެވެ.

ގާނޫނީ ދާއިރާއިން ޝަފީގާ ނައީމް އަދި އަބްދުލް މަޖީދު އިބްރާހިމް ނަމަކަށް ކިޔާ މީހަކު ވެސް އަންނަނީ ޕީއެޗްޑީ ހަދަމުންނެވެ.

ނިލަންދޫން އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވީ އެ ދާއިރާގެ ކުރީގެ މަޖިލީހުގެ މެމްބަރު ޑރ. އަބްދުﷲ ހަލީލެވެ. އެއީ ޕަބްލިކް އެޑްމިނިސްޓްރޭޝަނުންނެވެ.

އަރީފް ވިދާޅުވި ގޮތުގައި އެ ރަށަކީ ދީނީ ކަންކަމަށް ވެސް ހާއްސަ ސަމާލުކަން ދޭ ރަށެއް ކަމަށެވެ. ގުރުއާން ހިތުދަސް ތިން ހާފިޒުން މި ވަގުތު ވެސް ތިބިއިރު، އަދި ވެސް އެ ރޮނގުން ކުރިއަށް ދިއުމަށް އެތައް ބަޔަކު އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް ހަތަރު ބިދޭސީން ފިޔަވައި ބާކީ ތިބީ އެ ރަށުގެ ޓީޗަރުންނެވެ. ނަރުސްކަން ކިޔަވައިގެން ވެސް ރަށުން ވަޒީފާ ނުލިބި ނުވަ ނަރުހުން ރަށުގައި އެބަތިބި ކަމަށް އަރީފް ވިދާޅުވި އެވެ.

"އެ ހުރިހާ ތަނެއްގައި ވެސް ދިވެހިން ގިނައީ ހަމަ. އެކަމަކު، ރަށަށް ހިދުމަތްކުރަން ވެގެން އަދި ރަށުން ވަޒީފާއެއް ލިބޭތޯ މަޑުކޮށްލައިގެން ގިނަ މީހުން ތިބީ،" ޓީޗިން އިން މާސްޓާސް ނިންމައިގެން ސްކޫލުން ވަޒީފާ ނުލިބިގެން ކައުންސިލްގެ އެސްޖީއަކަށް ކުރިމަތިލެއްވި އަރީފް ވިދާޅުވި އެވެ.

ތައުލީމީ ގާބިލް މީހުން އުފެއްދުމުގެ ތެރެއިން ވެސް ނިލަންދޫގެ އެންމެ ހާއްސަ އެއް ކަމަކީ ޑޮކްޓަރުން އުފެއްދުމުގައި ނަމޫނާއަކަށް ވުމެވެ.

އެކި ހޮސްޕިޓަލްތަކުގައި ނިލަންދޫގެ 10 ޑޮކްޓަރުން މި ވަގުތު އެބަ ތިއްބެވެ. އޭގެ އިތުރަށް 14 ދަރިވަރުން އަންނަނީ ރާއްޖެ އާއި ބޭރުގެ އެކި ގައުމުތަކުގައި ޑޮކްޓަރުކަން ކިޔަވަމުންނެވެ. އެ ތަނުން އެއް ދަރިވަރެއްގެ އިންޓާންޝިޕް ނިމުމަކާ ކައިރިވެފައިވާއިރު، ދެން ތިބީ އެކި އަހަރުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނެވެ.

އެ ދަރިވަރުން ނިމުމުން، ނިލަންދުއަށް ނިސްބަތްވާ ޑޮކްޓަރުންގެ އަދަދު 24 އަށް އަރާނެ އެވެ.

"ތައުލީމަށް ވަރަށް ލޯބިކުރާ ބައެއް ނިލަންދޫގައި އުޅޭނީ. ހާއްސަކޮށް ޑޮކްޓަރުން ގިނަކަން ފާހަގަކުރެވޭ. އެއް އާއިލާގެ ތެރޭގައި ވެސް އުޅޭނެ ވަރަށް ގިނަ ޑޮކްޓަރުން. ވެދާނެ އެ ސަބަބާ ހެދި ކަމަށް ޝައުގުވެރިކަން އުފެދުނީ،" އަރީފް ވިދާޅުވި އެވެ.

"އެކި ހަރަކާތްތަކުން މިހެން ދިމާވާ ބޭފުޅުން ވެސް ވިދާޅުވާނެ ނިލަންދޫ ބޭފުޅަކާ ބައްދަލުނުވާ ހަރަކާތެއް ނުބޭއްވެއޭ. ޕޮލިހާއި ސިފައިންގޭގެ އިސް މަގާމުތަކުގައި ވެސް މި ރަށު ބޭފުޅުން ގިނަވާނެ،"

ޕޮލިހުގައި މަސައްކަތްކުރާ ރާއްޖޭގެ އެންމެ ފުރަތަމަ ޕެތަލޮޖިސްޓް، ޑރ. ހަސަން އުމަރު އަދި ޓްރީޓޮޕްގައި މަސައްކަތްކުރައްވާ ހިތުގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުލް އަޒީޒަކީ ވެސް ނިލަންދޫ ބޭފުޅެކެވެ.

އެ ރަށަށް އުފަން، މޯލްޑިވްސް ބްލަޑް ސާވިސްގައި މަސައްކަތްކުރައްވާ އެސޯސިއޭޓް ޕީޑެޓްރިއޭޝަން ޑރ. އަހުމަދު އުމަރު ވެސް ވިދާޅުވި ގޮތުގައި އެ ރަށަކީ އަބަދު ވެސް ތައުލީމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެކެވެ.

"އަޅުގަނޑު ވެސް ރަށުން ކިޔެވުމަށްފަހު މާލެ ބަދަލުވީ. ވަރަށް ބޮޑު ފަހުރެއް ތައުލީމީ ރަށަކަށް ވުމަކީ."