ކުޑަކުދިން މަރުވީ އިޒްރޭލުގެ ހަމަލާއިން ކަމަށް އެއްބަސްވެއްޖެ
ކުޑަކުދިން މަރުވީ އިޒްރޭލުގެ ހަމަލާއިން ކަމަށް އެއްބަސްވެއްޖެ

ގައްޒާ (އޯގަސްޓް 17) - މި މަހު ކުރީކޮޅު ގާޒާ އަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ކުޑަކުދިންތަކެއް މަރުވި ކަމަށް އިޒްރޭލުން އިއުތިރާފުވެއްޖެ އެވެ.

މި މަހު 5-7 އަށް ގާޒާގެ ޖަބާލިއާ އަވަށަށް އިޒްރޭލްގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި ފަސް ކުޑަކުދިން މަރުވެފައިވާ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ވަނީ އެއްބަސް ވެފަ އެވެ. އިޒްރޭލަށް ނިސްބަތްވާ ނޫސްތަކުން ވެސް ވަނީ އެ ވާހަކަ ރިޕޯޓްކޮށްފަ އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ އިސްލާމިކް ޖިހާދު ގުރޫޕަށް އަމާޒުކޮށް ދިން ހަމަލާތަކަށް ފަހު ކުޑަކުދިންތަކެއް ޝަހީދުވުމުން އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާން ރޭން ކޮޗާވް ބުނެފައި ވަނީ އެއީ އިސްލާމިކް ޖިހާދުން އިޒްރޭލުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާތައް ނުބައި މިސްރާބަކަށް އަމާޒުވެގެން ދިމާވި ގޮތެއް ކަމަށެވެ.

ގާޒާގެ އެކި ހިސާބުތަކަށް އަމާޒުކޮށްގެން އިޒްރޭލުން ދިން ހަމަލާތަކުގައި 49 މީހުން ޝަހީދުވި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުންޏެވެ. އެތަނުން ބުނި ގޮތުގައި އޭގެ ތެރޭގައި 17 ކުދިން ވެސް ހިމެނެ އެވެ. މީގެ އިތުރުން 300 މީހުން ހަމަލާތަކުގައި ޒަހަމްވި އެވެ.