މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ
މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ

ސްޓެލްކޯ އިން ބުނީ، މާލެ އާއި ހުޅުމާލެ އިން ކަރަންޓުގެ ހިދުމަތް ކެނޑުނީ، ހުޅުމާލޭގެ އިންޖީނުގޭގައި އަޕްގްރޭޑިންގެ މަސައްކަތްތަކެއް ކުރަމުން އަންނަނިކޮށް ކަމަށް. އެ ތަނުގެ ދެ އިންޖީނު ނިވުމާ ގުޅިގެން އެ މައްސަލަ ހައްލުކޮށް، އިންޓަ ކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުނޭ.

މުޅި މާލެ އިން ދެންމެ ކަރަންޓުގެ ހިދުމަތް ކެނޑިއްޖެ އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން މުޅި މާލެ އާއި ހުޅުމާލޭގެ ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ކަރަންޓުގެ ހިދުމަތް މެދު ކެނޑުނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. ޓެކްނިޝަނުން މިހާރު އަންނަނީ ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މައްސަލަ ހައްލުކޮށް، މާލެއަށް ކަރަންޓް އަލުން ދެވޭނެ ސީދާ އިރެއް ސްޓެލްކޯ އިން ނުބުނެ އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ވެސް މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑުނެވެ. އެ ފަހަރު ވެސް ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ހުރެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް ކަރަންޓުގެ ޑިމާންޑު އިތުރުވަމުން އަންނަ ކަމަށް ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މާލެ ސަރަހައްދަށް ޖަމާވާ މީހުންގެ އަދަދު އިތުރުވެ، ކަރަންޓުގެ ޑިމާންޑު މަތިވުމުގެ ނަތީޖާ އަކީ ކަރަންޓު ކެނޑުމުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވުމެވެ. މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އެއް ކަރަންޓު ވިއުގައަކުން ގުޅުވައިދޭން "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" ކުރިއަށް ގެންދިޔައީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.