މީޑިއާގެ ސުވާލުތަކާ މެދު ގްރީޒްމަން ހިތްހަަމަނުޖެހިއްޖެ
މީޑިއާގެ ސުވާލުތަކާ މެދު ގްރީޒްމަން ހިތްހަަމަނުޖެހިއްޖެ

މެޑްރިޑް (ޖެނުއަރީ 3) - އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ މުސްތަގުބަލާ ގުޅޭގޮތުން މީޑީއާ އިން ތަކުރާރުކޮށް އެއް ސުވާލުތަކެއް ކުރާތީ އޭނާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ފާއިތުވި އަހަރުތަކުގައި އެތުލެޓިކޯ އަށް މޮޅު ކުޅުމެއް ދެއްކި ގްރީޒްމަން ވަނީ މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. ކޮންމެ ޓްރާންސްފާ މާކެޓެއްގައި ގްރީޒްމަންގެ މުސްތަގުބަލާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވެ އެވެ.

ގްރީޒްމަން ހޯދުމަށް ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ތަކުރާރުކޮށް އޭނާ ބުނަމުން އައީ އެތުލެޓިކޯގައި ހުރީ އުފަލުން ކަމަށާއި ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"އަހަރެން ވަރަށް ހިތްހަަމަނުޖެހޭ ސުވާލުތަކެއް މީޑިއާ އިން ތަކުރާރު ކުރާތީ ހިތާމަކުރަން. ރޮނާލްޑޯ އާއި މެސީ އަދި ބޭލް ކަހަލަ ކުޅުންތެރިންނަކާ ކޮންމެ ސީޒަނަކު އެއް ފަހަރު ސުވާލެއް ނުކުރޭ މުސްތަގުބަލާ ގުޅޭގޮތުން. އެކަމަކު އެހެން ކުޅުންތެރިންނަށް މި ޖެހެނީ އެއް ޖަވާބެއް ތަކުރާރުކުރަން،" ގްރީޒްމަން ބުންޏެވެ.

"އެތުލެޓިކޯގައި އަހަރެން މިހުރީ ހިތްހަމަޖެހިގެން. މި ޓީމު ސަޕޯޓަރުން ކުރިމަތީގައި ކުޅުމަކީ އަހަންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން."

އުމުރުން 25 އަހަރުގެ ގްރީޒްމަން ވަނީ އެތުލެޓިކޯ އަށް ކުޅެދިން 128 މެޗުން އެ ޓީމަށް 66 ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޔޫރަޕްގެ އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އުޅޭ ގްރީޒްމަން އަށް ފާރަލަމުން އަންނަ ކްލަބް ތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަދި ބަޔާން މިއުނިކް ހިމެނެ އެވެ.

ޔުނައިޓެޑުން އަންނަނީ ގްރީޒްމަން އެ ޓީމަށް ގެންނަން ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ ޕައުލް ޕޮގްބާ އާއި އެންތަނީ މާޝިއަލްގެ އެހީތެރިކަން ހޯދަމުންނެވެ.