18 އޯގަސްޓް 2022 - 06:52

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން އެކަނި އަހަރެއްގެ މައްޗަށް އެވަރެޖުކޮށް ތިން ބިލިއަން ޑޮލަރު ހަމައެކަނި ބަބުލް ޓީ ބުއިމަށް ހޭދަކުރާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އިރުމަތީ އޭޝިއާއިން އުފެދިގެން އައި ބަބުލް ޓީ އަކީ މިހާރު މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ބުއިމެކެވެ.
އައުޓްފިޓް މޮމެންޓަމް ވޯކްސް އާއި ޑިޖިޓަލް ޕޭމަންޓް ކުންފުންޏަކާ ގުޅިގެން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި ބަބުލް ޓީ އަކީ މިހާރު ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ބޮޑު މާކެޓެއް އޮތް އިންޑަސްޓްރީއެކެވެ.
އަދި އަހަރަކުން އަހަރަކަށް ބަބުލް ޓީ ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ދިރާސާއިން ދައްކަ އެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި އެވްރެޖު ގޮތެއްގައި އިންޑަސްޓްރީއަށް ތިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އޭގެތެރެއިން މިދިޔަ އަހަރު އެކަނި ވެސް ވަނީ 3.7 ބިލިއަން ޑޮލަރުގެ އާމްދަނީ ދެކުނު އިރުމަތީ އޭޝިއާއިން ލިބިފަ އެވެ.
މި ސަރަހައްދުގައި ހިމެނޭ ގައުމުތަކުގައި އެންމެ ގިނައިން ބަބުލް ޓީ ބޯ ގައުމަކީ އިންޑޮނީޝިއާ އެވެ. އެ ގައުމުން އެކަނި ވެސް ވަނީ މާކެޓަށް 1.6 ބިލިއަން ޑޮލަރު ހޯދައިފަ އެވެ. ދެވަނައިގައި އުޅެނީ 749 މިލިއަން ޑޮލަރާ އެކު ތައިލެންޑެވެ. ތައިލެންޑުގައި އެކަނި ވެސް ބަބުލް ޓީގެ 20،000 އަށް ވުރެ ގިނަ އައުޓްލެޓް ހުރެ އެވެ.
ދިރާސާގައި ލަފާކޮށްފައިވާ ގޮތުގައި މި ސަރަހައްދުގެ ގައުމުތަކުގައި ބަބުލް ޓީ އަށް އޮތް ޑިމާންޑު ކުރިއަށް އޮތް ތަނުގައި އޮތީ އިތުރުވާށެވެ. އަދި 2027 އަށް ވާއިރު ދެކުނު އިރުމަތީ އޭޝިއާއިން އެކަނި ވެސް ބަބުލް ޓީ އަށް ކުރާ ހޭދަ 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ދިރާސާއިން ދައްކަ އެވެ.