އުމުރުން 13 އަހަރުގައި މިރާލް ޒަަމާންވީ ގައުމީ ރެކޯޑެއް މުގުރާލައިފި
އުމުރުން 13 އަހަރުގައި މިރާލް ޒަަމާންވީ ގައުމީ ރެކޯޑެއް މުގުރާލައިފި

މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެނުންގެ 100 މީޓަރުގެ ބަޓަފްލައި އިވެންޓުގެ ލޯންގް ކޯސްގައި ވާދަކޮށް ރާއްޖޭގެ 18 އަހަރުވީ ގައުމީ ރެކޯޑް އުމުރުން 13 އަހަރުގެ މިރާލް އައިން ލަތީފް މުގުރާލައިފި އެވެ.

ކުރިން މި ރެކޯޑް އޮންނަނީ ޕާކިސްތާނުގައި 2004 އޮތް ސައުތު އޭޝިއަން ގޭމްސްގައި 1 މިނެޓު 21.81 ސިކުންތުން ފެތި އައިޝަތު ސައުސަން އަތުގަ އެވެ. ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އިއްޔެ މިރާލް ރޭސް ނިންމީ 1 މިނެޓު 20.80 ސިކުންތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި އައިޖީއެމްޗް އެނެސްތިއޮލޮޖީގެ ހާއްސަ ޑޮކްޓަރު އިސްމާއީލް ލަތީފްގެ ދަރިފުޅު، މިރާލް އަކީ ކުރިމަގަށް ވަރަށް އުއްމީދީ ފެތުންތެރިއެއް ކަމަށް ސްވިމިންގެ ތަޖުރިބާކާރުން ފާހަގަކުރެ އެވެ.

އޭނާގެ ކޯޗު މުހައްމަދު ޒާހިދު ބުނި ގޮތުގައި މިރާލް އަކީ ހިތްވަރު ގަދަ އެތުލެޓީކެވެ.

"ކިތަންމެ ވިއްސާރަ ވިޔަސް އޭނަ ޓްރޭނިން ސްކިޕްކޮށް ނުލާނެ. ގަޑިއެއް ނުޖެހޭނެ. އަނެއްކާ މުބާރާތެއް ކައިރިވާއިރު ވަކި ގޮތަކަށް ޑައިޓް ޕްލޭން ގެންދަން ބުނީމަ އެއަށް ވެސް ބަރާބަރަށް ފޮލޯ ކުރާނެ. ވަރަށް ޕޮޓެންޝިއަލް އޮތް ފެތުންތެރިޔެއް،" ޒާހިދު ބުންޏެވެ.

މިރާލްގެ ރެކޯޑަކީ މިފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ސްވިމިން އިވެންޓްތަކުން ރާއްޖެ އިން މުގުރާލި ދެ ވަނަ ރެކޯޑެވެ. މިދިޔަ އާދިއްތަ ދުވަހު ރިލޭ ޓީމުން ވަނީ 4 ގުނަ 100 މީޓަރުގެ ފްރީ ސްޓައިލް ފެތުމުގެ ރެކޯޑް މުގުރާލައިފަ އެވެ.

އަބްދުﷲ ނާވީ އަހުމަދު، އިބްރާހީމް މައިޝާން ޝަމީމް، އަލީ އިމްއާން އަދި ހުސައިން ހާއިޝް ހަސަން ހިމެނުނު ރިލޭ ޓީމުން ރޭސް ނިންމީ 4 މިނެޓު 01.23 ސިކުންތުންނެވެ. އޭގެ ކުރިން އެ ކެޓަގަރީގެ ގައުމީ ރެކޯޑް އޮންނަނީ އިންޑޮނޭޝިއާގައި 2018 ގައި ބޭއްވި އޭޝިއަން ގޭމްސްގައި ވާދަކުރި ފެތުންތެރިންގެ ޓީމު ކަމަށްވާ، އިމްއާން، މުބާލް އައްޒާމް އިބްރާހީމް، ހުސައިން ހާއިޝް ހަސަން އަދި ހަސަން އަޝްރަފް ހިމެނުނު ރިލޭ ޓީމު އަތުގަ އެވެ.

އެ ޓީމުން އޭރު ރޭސް ނިންމީ 4 މިނެޓު 10.12 ސިކުންތުންނެވެ. ސޮލިޑާރިޓީ ގޭމްސްގައި ޒުވާން ފެތުންތެރިން ހިމެނުނު ޓީމުން ވަނީ އެ ރެކޯޑްގެ މައްޗަށް 8.89 ސިކުންތުގެ ކުރިއެރުމެއް ހޯދައިފަ އެވެ. ފެތުމުގެ ރޭސް ތަކަށް ބަލާއިރު އަދި ހާއްސަކޮށް އެ ކެޓަގަރީ އަށް ބަލާއިރު އެއީ ބޮޑު ކުރިއެރުމެކެވެ.